މުސްލިމް އަޚުންނޭވެ! އިސްލާމް ދީނަކީ އިންސާނާއަށް ރިވެތި އަޚުލާޤާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް الله تَعَالَى ބާވައިލެއްވި ދީނެވެ. ކީރިތި ރަސޫލާ މުޙައްމަދު ﷺ ރަސޫލުކަމާއިގެން ފޮނުއްވުނީ މީސްތަކުންނަށް ރިވެތި އަޚުލާޤު އުނގަންނަވައިދެއްވުމަށެވެ. اُمُّ الْمُؤْمِنِيْن عَائِشَة رَضِيَ الله عَنْهَاގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައި، ރިވެތި އަޚުލާޤުގެ ދަރަޖައާއި ދަރުމަ އަންގަވައިދެއްވައިފައިވަނީ މި ފަދައިންނެވެ.
(إِنَّ الْمُؤْمِنَ يُدْرِكُ بِـحُسْنِ خُلُقِهِ دَرَجَاتِ قَائِمِ اللَّيْلِ، صَائِمِ النَّهَارِ)[1] މާނައީ: "ހަމަކަށަވަރުން މުއުމިނަކު އޭނާގެ ރިވެތި ޚުލްޤުގެ ސަބަބުން ރޭއަޅުކަންކޮށް، ސުންނަތް ރޯދަހިފުންމަތީ ދެމި ހުރި މީހެއްގެ ދަރަޖައަށް ވާޞިލުވެވޭނެއެވެ."
އަދިވެސް ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ شَيْءٍ أَثْقَلُ فِي الْمِيْزَانِ مِنْ حُسْنِ الْـخُلُقِ)[2] މާނައީ: "ހެޔޮކަމުގެ މީޒާނުގައި ރިވެތި އަޚުލާޤަށް ވުރެ ބަރު އެއްވެސް އެއްޗެއް ނުވެއެވެ." ހަމަ އެފަދައިން ރަސޫލުالله ﷺ ފޮނުއްވުމުގެ މައިގަނޑު މަޤުޞަދަކީ މަކާރިމުލްއަޚުލާޤު ފުރިހަމަކުރެއްވުންކަން ބަޔާންކުރައްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّـمَا بُعِثْتُ لِأُتَـمِّمَ مَكَارِمَ الْأَخْلَاقِ)[3]
މާނައީ: "ހަމަކަށަވަރުން ތިމަން ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ ރިވެތި އަޚުލާޤު ފުރިހަމަކުރެއްވުމަށެވެ." އިސްލާމް ދީނުގައި އަޚުލާޤީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަންލިބޭ، ސިފަތަކެއްކަމަށްވާ އިރު، ބައެއްމީހުންގެ ކިބައިން އެ މާތް ސިފަތައް ނުފެންނަކަމީ ހިތާމަހުރި ކަމެވެ.
މުސްލިމް އަޚުންނޭވެ! އިސްލާމީ އަޚުލާޤުގެ މުހިންމު ސިފަތަކުގެ ތެރޭގައި ކެތްތެރިކަމާއި ބަސްމޮށުމާއި މީހުންނާ މުޢާމަލާތުކުރުމުގައި އަދަބުވެރި ރިވެތި ގޮތް ހިފުން ހިމެނެއެވެ. ކެތްތެރިކަމަކީ، ވަރަށް ގިނަ ކުށްތަކުންނާއި ހަވާނަފުސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭ ސިފައެކެވެ. މުސްލިމުން އެ ސިފަ ލިބިގަތުމަށް ކީރިތި ޤުރްއާނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. [4] މާނައީ: "ކެތްތެރީންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ޙިސާބެއް ނެތިއެވެ."
ދުންޔަވީ ޙަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ޞިއްޙަތު ސަލާމަތުން ހުރެއެވެ. އަނެއްބައި ފަހަރު ބަލިމަޑުކަމާ ކުރިމަތިވެއެވެ. ބައެއް ފަހަރު އަތްމަތި ތަނަވަސްވެއެވެ. އަނެއްބައި ފަހަރު ދަތިޙާލުގައި އުޅޭން ޖެހެއެވެ. އަދި އަހަރެމެން ލޯބިވާ ދަރީންނާއި، މުދަލާއި، ގެދޮރު އަހަރެމެންގެ ލޯމަތީގައި ސަލާމަތުން ހުންނަ ފަހަރު އަންނައިރު، ދިމާވާ ޙާދިޘާއެއްގައި މި ހުރިހައި އެއްޗެއް ނެތި ފަނާވެސް ވެއެވެ. ބައެއް ފަހަރު ނުހަނު އަމާންކަމުގައި އުޅޭ އިރު އަނެއްބައި ފަހަރު ބިރުވެރިކަމާއި ނާމާންކަން ވެރިވެއެވެ. މި ކަންކަމަކީ الله تَعَالَىގެ އިމްތިޙާނުތަކެވެ. އަހަރެމެން ޖެހޭނީ މި އިމްތިޙާނުތަކުން ފާސްވާށެވެ! އެއީ އެ ކަންކަމަށް ކެތްތެރިވުމެވެ.
މި ފަދަ ކަމެއްދިމާވާ ކޮންމެ ފަހަރަކު އެއީ ކޮންމެވެސް އިންސާނެއްގެ ފަރާތުން އައި ބަދުނަޞީބެއްކަމުގައި ހީކޮށް، އެ ފަރާތަކާ ދޭތެރޭގައި ކުށްހީކޮށް، ހިތް ނުބައިކުރުމަކީ، ރަނގަޅު ގޮތެއް ނޫނެވެ. އެކި ގޮތްގޮތަށް އަހަރެމެން އިމްތިޙާނުކުރައްވާނޭކަން الله تَعَالَى ވަނީ އަންގަވައިފައެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރުދެއްވައިފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނުކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި، ފުރާނަތަކާއި، މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެ ނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللهއަށް މިލްކުވެވޮޑިންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟުރަތަށް އެނބުރި ދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން މަޣުފިރަތާއި، ރަޙުމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ."
މުސްލިމް އަޚުންނޭވެ! ބަޔާންވެދިޔަ އާޔަތުގެ މާނައިން އެނގުނު ގޮތުގައި މުއުމިނުންނަކީ، މި ދުނިޔޭގައި ދަތިތަކާ ކުރިމަތިކުރައްވައި އިމްތިޙާނުކުރެއްވޭނޭ ބައެކެވެ. އެ ފަދަ ކޮންމެ ޙާލަތެއްގައި ވެސް ރިވެތި އަޚުލާޤުގެ ސިފަތައް އިސްކުރާން ޖެހޭނެއެވެ. ކެތްތެރިވާންޖެހޭނެއެވެ. އަތްމަތި ދަތިވެ، ބަނޑުހައިހޫނުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުން ނުހަނު ބުރަ މަސައްކަތުން ހޯދައިފައި ހުންނަ މުދައު ފޭރި، ވަގަށްނެގުމަކީ ހުއްދަވާނޭކަންކަމެއް ނޫނެވެ. އިސްލާމްދީނަކީ އެންމެ މާތް ދީންކަމުގައިވީ އިރު އިސްލާމީ ބައެއް މުޖުތަމަޢުތަކުން މިއަދު މި ފެންނަ އަޚުލާޤީ މިންގަނޑުން ދަށް، ނޭދެވޭ ސިފަތަކަކީ އެ މާތް ދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިކުރުވައިފާނޭ ކަމެކެވެ. އިސްލާމް ދީނަކީ މީހުންނާ މުޢާމަލާތުކުރުމުގައި ވެސް ރިވެތި އަޚުލާޤު އިސްކުރާ ދީނެވެ. ބަސްމޮށުމުގައި ވެސް މެއެވެ. ތިމާ އެ މީހަކާ މުޚާޠަބުކޮށް ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ މީހަކުކަމުގައިވީ ނަމަވެސް އިސްލާމްދީނުގައި އަންގަވަނީ މަޑުމައިތިރިކަމާ އެކު ރިވެތި ބަހުން ބަސްބުނުމަށެވެ. މާތް ﷲ، ސަލާމް ލެއްވި މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ފޮނުއްވި ހިނދު އެ ބޭކަލުން ފިރުޢައުނާ މުޚާޠަބުކުރައްވާން އަމުރުކުރެއްވި ގޮތް ބަޔާންކުރައްވައި، އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ފިރުޢައުނުގެ ގާތަށް ތިޔަ ދެ ބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާއަށް ބަސްވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެ ކަމުގެ އުންމީދުގައެވެ."
މުސްލިމް އަޚުންނޭވެ! ޝައްކެއް ނެތް ގޮތުގައި الله تَعَالَى އާއި އެކަލާނގެ ރަސޫލާ ﷺ އަހަރެމެންނަށް އިރުޝާދުދެއްވަނީ ހިދާޔަތުގެ މަގަށެވެ.
ރިވެތި އަޚުލާޤުގެ ސިފަތަކަށެވެ. ވީމާ އެ މަގުގައި ސާބިތުވެ ތިބުމަކީ އަހުރެމެންގެ މައްޗަށް ވާޖިބު ކަމެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ﷺ އީ ހުރިހައި މާތް ސިފަތަކެއްގެ ވެރިޔާއެވެ. މިހެންވެ މާތް ﷲ އެކަލޭގެފާނާ މުޚާޠަބުކުރައްވައި ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި
ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." أَنَس رَضِيَ اللهُ عَنْهُ ވިދާޅުވެފައި ވެއެވެ. "ތިމަންކަލޭގެފާނު ނަބިއްޔާ ﷺ ގެ ޚިދުމަތުގައި ދިހަ އަހަރު އުޅުއްވީމެވެ. މާތް ﷲ ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނާ ދިމާލަށް ދުވަހަކު ވެސް ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ވިދާޅުވެފައެއް ނުވެއެވެ. ތިމަންކަލޭގެފާނު ކުރެއްވި
ކަމެއް ކުރެއްވީ ކީއްވެތޯ އަދި ނުކުރައްވާ ކަމެއް ނުކުރެއްވީ ކީއްވެތޯ ވެސް އައްސަވައިފައެއް ނުވެއެވެ."[5] ވީމާ އަހަރެމެންގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނާ ނުވަތަ މުވައްޒަފުންނާ މެދު އަހަރެމެން މުޢާމަލާތުކުރާ ގޮތާ މެދު ވިސްނައިލާށެވެ!
މުސްލިމް އަޚުންނޭވެ! ރިވެތި އަޚުލާޤުން މުޖުތަމަޢު ޒީނަތްތެރިވެފައި ވުމަކީ، ތަހުޒީބީ ގޮތުން ޤައުމެއް ކުރިއަރައިފައިވާކަމުގެ އެންމެ ފުރިހަމަ ނިޝާނެވެ. ޝައްކެއް ނެތް ގޮތުގައި މުސްލިމުންނަކީ އެންމެ މަތިވެރި ޙަޟާރަތާއި ޘަޤާފަތުގެ އަހުލުވެރީންނެވެ. އެންމެ ރިވެތި އަޚުލާޤުގެ އަހުލުވެރީންނެވެ. އެ ރީތިކަމަކީ މުސްލިމުންގެ ޙަޔާތުގެ ހުރިހައި ދާއިރާއަކަށް ފެތުރިފައިވާން ޖެހޭނޭ ރީތި ކަމެކެވެ. ނަމަވެސް މިއަދު އެ ކަން އޮތީ އެ ގޮތަކަށް ނޫނެވެ. މިއަދު މާއްދީ ގޮތުން މުސްލިމުން ވެސް ތިބީ ކުރީގައެވެ. މުސްލިމުން ޞިއްޙަތާއި، ޓެކްނޮލޮޖީއާއި، ތަޢުލީމީ ރޮނގުން ކުރިއެރި ނަމަވެސް، އިޤުތިޞާދާއި، ކުޅިވަރާއި، ހެވިކަމުގައި ކުރިއެރި ނަމަވެސް، އިޖުތިމާޢީ ފަންނުތަކާއި، ހުނަރުތަކުން ކުރިއެރި ނަމަވެސް، އަޚުލާޤީ ރިވެތި ސިފަތަކެއް ނެތް ނަމަ އެއީ ކުރިއަރައިފައިވާ ބައެއްކަމަކަށް ނުބެލެވޭނެއެވެ. މުސްލިމުންގެ ފަޚުރުވެރި މާޒީގައި ފައިދާހުރި ޢިލްމާއި ފަންނާއި ހުނަރުތަކުގައި ކުރިއަރައިދިޔަ ފަދައިން، އަޚުލާޤީ ގޮތުން ވެސް ކުރިހޯދިއެވެ. މިއަދު ވެސް މުސްލިމުން މަސައްކަތްކުރާން ޖެހޭނީ އެ ގޮތަށެވެ.
މުސްލިމް އަޚުންނޭވެ! ރިވެތި އަޚުލާޤީ ސިފަތަކުގެ ތެރޭގައި ތިމާއަށް އަޑުއިވޭ ހެޔޮ ބަސްތައް ކަނުލައި އަޑުއެހުން ވެއެވެ. އެ ގޮތުން ހުކުރު ޚުޠުބާއަކީ އެ އިރެއްގައި ހުރި އެންމެ މުހިންމު މަސްއަލަތަކާ މެދު މުސްލިމުންނަށް އިރުޝާދުދޭ ވަރަށް މުހިންމު ޚިޠާބެކެވެ. ހުކުރު ޚުޠުބާ ކަނުލައި އަޑުއެހުމާއި، ޚުޠުބާގައި ވާހަކަދައްކާ މައުޟޫޢަކަށް ފަރުވާތެރިވެ، ސަމާލުކަންދިނުމަކީ ހުކުރުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.