1.7 ބިލިޔަން ރުފިޔާއިން 565 މިލިޔަނަށް: ބިދޭސީންގެ ފީތަކުން ބޮޑު ބައެއް ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
1.7 ބިލިޔަން ރުފިޔާއިން 565 މިލިޔަނަށް: ބިދޭސީންގެ ފީތަކުން ބޮޑު ބައެއް ހޯދައިފި

ބިދޭސީންނާ ގުޅޭ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި އޮތް އަދަދު 1.7 ބިލިޔަން ރުފިޔާއިން 565 މިލިޔަން ރުފިޔާއަށް ދަށްކޮށް، އޭގެ ބޮޑު ބައެއް ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ފާއިތުވި 3 އަހަރުގެ ތެރޭގައި އެ ވުޒާރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބު ހާމަކުރައްވަމުން ވިދާޅުވީ، 17 ނޮވެންބަރު 2023 އާ ހަމައަށް ބިދޭސީންގެ ފީއާއި އެކި ޖޫރިމަނާތަކުގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިޔަން ރުފިޔާ ހުއްޓެވެ. ނަމަވެސް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ނުލިބި ހުރި ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދިފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ނުދައްކާ ހުރި ފައިސާ ހޯދުމުގެ ގޮތުން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް އިއުލާންކުރުމާއި، އެކްސްޕެޓް ސިސްޓަމުން އެފަދަ ފަރާތްތައް ސަސްޕެންޑްކުރުމުގެ އިތުރުން އައު ހުއްދަތައް ދޫކުރުން މެދުކަނޑާލުން ހިމެނެއެވެ. އަދި 10 އޮކްޓޫބަރު 2024 ގައި ތައާރަފުކުރި ސެޓްލްމަންޓް ޕްލޭނާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކަށް ދިން ލުއިތައް ކަނޑާލައި ފިޔަވަޅު އަޅަން ފަށާފައިވާއިރު، 31 އޮގަސްޓް 2026 ގެ ނިޔަލަށް 13,987 ފަރާތެއް ވަނީ ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު އެމީހުންނާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކާމެދު 15 ސެޕްޓެންބަރު 2025 އިން ފެށިގެން އަންނަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. މިގޮތުން އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 ރުފިޔާގެ މަގުން ޖޫރިމަނާކުރަމުންދާއިރު، މިހާތަނަށް އެފަދަ 265 މައްސަލައެއް ސިސްޓަމްގައި ރެކޯޑްކޮށް ޖޫރިމަނާކޮށްފައިވާ ކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވިއެވެ.

ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތާ އަދި ޝަރުތު ހަމަވާ ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން "ސިސްޓަމް ޓްރަސްޓެޑް އެމްޕްލޯޔާސް" ގެ ނަމުގައި ޚާއްޞަ ނިޒާމެއް ގާއިމުކޮށް، މި އަހަރުގެ އޮގަސްޓް މަހުގެ ފަހު ހަފުތާގައި ވަނީ އަމަލީ ގޮތުން ބޭނުންކުރަން ފަށާފައެވެ. މި ނިޒާމުގެ ދަށުން ބިދޭސީން ގެނައުމުގެ ހުއްދަތައް އޮޓޮމޭޓެޑްކޮށް އަވަހަށް ދޫކުރެވެމުންދާއިރު، މިހާތަނަށް 4,585 ފަރާތެއް މި ލިސްޓުގައި ހިމެނިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މިއަދު އޮންލައިން