ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ، ބަލިން ރައްކާތެރިވުމަށްޓަކައި ގޭތެރެއާއި ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ، މި ދުވަސްވަރު ވިއްސާރަވެ އެކި ތަންތަނުގައި ފެން ހަރުލުމުގެ ސަބަބުން މަދިރި އާލާވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ޚާއްސަކޮށް ފެން އަޅާފައި ހުންނަ ފީފާއާއި ތާނގީގެ އިތުރުން، އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، އެއްލައިލާފައި ހުންނަ ޓަޔަރާއި، ޕްލާސްޓިކް ހުސްފުޅި އަދި ދަޅު ފަދަ ތަކެތީގައި އެންމެ ގިނައިން މަދިރި އާލާވާކަން އެ އެޖެންސީން ފާހަގަކުރެއެވެ.
އެހެންކަމުން، ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގޭތެރެއާއި ގޯތިތެރޭގެ އިތުރުން މުޅި ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ އެންމެހައި ތަންތަން ނައްތާލުމަށް އާންމު ރައްޔިތުންނާއި ރަށްރަށުގެ ކައުންސިލުތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މީގެއިތުރުން، ޑެންގީ ހުން ޖައްސާ މަދިރި ހަފާތާ 2 ދުވަހާއި 7 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާނެކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. އެހެންކަމުން، ހުން އައިސް ޑެންގީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުމަށްވެސް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.