އެންޓިމައިކްރޯބިއަލް ރެސިސްޓެންސްއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެންޓިމައިކްރޯބިއަލް ރެސިސްޓެންސްއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް: މެޑަމް ސާޖިދާ

އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭއެމްއާރް) ނުވަތަ ބޭސްތަކަށް ޖަރާސީމު ނުގުޑުމުގެ މައްސަލައަކީ އިންސާނުންނާއި ޖަނަވާރުންގެ އިތުރުން ގަސްގަހާގެއްސާއި ތިމާވެށީގެ ދުޅަހެޔޮކަމަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ އެންޓިމައިކްރޯބިއަލް އެވެއާނަސް ހަފުތާ ފާހަގަކުރުމާ ގުޅިގެން ދެއްވި މެސެޖެއްގައެވެ.

އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ބޭހަކީ ފުރާނަ ސަލާމަތްކޮށްދޭ އެއްޗަކަށް ވާއިރު، އެންޓިމައިކްރޯބިއަލް ބޭސްތަކުގެ އަސަރު ކެނޑިގެން ދިއުމަކީ އިންފެކްޝަންތައް އިތުރުވެ، ބަލިތަކަށް ފަރުވާދިނުމަށް ދަތިވެ، އާންމު ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ.

އަންނަން އޮތް ޖީލުތަކަށް ރައްކާތެރި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި އެންޓިމައިކްރޯބިއަލް ބޭސްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ބާރުއެޅުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެއިތުރުން، މިއަހަރުގެ އެންޓިމައިކްރޯބިއަލް އެވެއާނަސް ހަފުތާއާ ގުޅުވައިގެން، އިންސާނުންނާއި ޖަނަވާރު އަދި ތިމާވެށީގެ ސިއްހަތު އެކުލެވޭ "ވަން ހެލްތު" އުސޫލު އިސްކޮށް، އެންމެންގެ ދުޅަހެޔޮ އަދި އުފާވެރި މުސްތަޤުބަލެއް ކަށަވަރުކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

މިއަދު އޮންލައިން