ޢާއިޝަތު ރަފާޙް ޢަލީ
ޤަބޫލުކުރިޔަސް ނުކުރިޔަސް، މިއަދު ހުޅަނގުގެ މުޖުތަމަޢުތަކުގައި ކައިވެނިތައް ރޫޅެން ދިމާވާ އެއް ސަބަބަކީ އަހަރެމެންނަށް އަހަރެމެންގެ ފިރިހެން ދަރިން ރަނގަޅަށް ތަރުބިއްޔަތު ނުކުރެވުމެވެ. އަހަރެމެންނަށް ދަރިން ރަނގަޅަށް ތަރުބިއްޔަތެއް ނުކުރެވެއެވެ. ޒިންމާދާރު ބައެއްގެ ގޮތުގައި އެކުދިން ބޮޑެއް ނުކުރެވެއެވެ.
ދިމާވެފައިވާ އެއް މައްސަލައަކީ، އާމްދަނީ ހޯދަންޖެހޭނެކަމާއި، ކަންކަމުގައި އިސްނަގައިގެން ގޮތްތައް ނިންމަންޖެހޭނެކަން ވިސްނައިގަތުމުގެ ހިތްވަރާއި ޤާބިލުކަން ނެތި އެމީހުން ކައިވެނި ކުރާ ކަމެވެ. މި ހުރިހާ ކަމަކަށްވެސް ވިސްނުންތެރިކަމާއި ހަރުދަނާކަން ބޭނުންވެއެވެ.
ސުބުޙާނަﷲ، ޚަރަދުބަރަދު ބެލެހެއްޓުމުގެ ޒިންމާ މާތްﷲ މަތިކުރައްވާފައިވާ ފިރިހެނުން، އެ ޒިންމާ އަނބިމީހާގެ ކޮނޑުގައި އަޅުވާލައިގެން ހިތްހަމަޖެހިގެން އެބަ ތިބެއެވެ. މިއީ ސަގާފީ މައްސަލައެކެވެ. މިކަން ޙައްލުކުރާނީ ކިހިނެއް ހެއްޔެވެ؟ ސަބަބަކީ، "ނޫނެކެވެ، ތިބާ އާމްދަނީ ހޯދަންޖެހޭނެއެވެ" މިހެން މީހަކު ގާތު ބުނެލުމަކުން މިކަމަކަށް ޙައްލެއް ނާންނާނެތީއެވެ.
ސަގާފީ ގޮތުން އޭނާ އެކަމަށް ހޭނިފައެއް ނުވެއެވެ. ކައިވެނީގެ މާލީ ޚަރަދުތަކުގެ ބޮޑު ބައެއް އަނބިމީހާ އުފުލަން ޖެހުމަކީ މައްސަލައެއް ކަމަކަށް އޭނާއަކަށް ނުފެނެއެވެ. މިއީ މުޅި ނިޒާމުގައި ހުރި މައްސަލައެކެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
كلُّكم راعٍ وكلُّكم مسؤولٌ عن رعيتِهِ فالأميرُ الذي على الناسِ راعٍ عليهم وهو مسؤولٌ عنهم والرجلُ راعٍ على أهلِ بيتِهِ وهو مسؤولٌ عنهم والمرأةُ راعيةٌ على بيتِ بعلها وولدِهِ وهي مسؤولةٌ عنهم وعبدُ الرجلِ راعٍ على بيتِ سيدِهِ وهو مسؤولٌ عنهُ ألا فكلُّكم راعٍ وكلُّكم مسؤولٌ عن رعيتِهِ
މާނައީ: މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ މީހަކާމެދުވެސް އެމީހަކު ބެލެހެއްޓި ބަޔަކާ ބެހޭގޮތުން (ޤިޔާމަތް ދުވަހުން) ސުވާލުކުރެވޭނެއެވެ. ފަހެ، މީސްތަކުންގެ މައްޗަށް އިސްކުރެވިފައިވާ ވެރިޔާއަކީ އެބައިމީހުންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެބައިމީހުންނާމެދު އޭނާއާ ސުވާލުކުރެވޭނެއެވެ. އަދި ފިރިހެނާއަކީ އޭނާގެ ގޭގެ އަހުލުވެރިން (އަނބިދަރިން) ގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެބައިމީހުންނާމެދު އޭނާއާ ސުވާލުކުރެވޭނެއެވެ. އަދި އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގެއާއި ދަރިންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެކަންކަމާމެދު އޭނާއާ ސުވާލުކުރެވޭނެއެވެ. އަދި މީހެއްގެ އަޅަކީ (ޚާދިމަކީ) އޭނާގެ ސާހިބުމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެކަމާމެދު އޭނާއާ ސުވާލުކުރެވޭނެއެވެ. ދަންނާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ މީހަކާމެދުވެސް އެމީހަކު ބެލެހެއްޓި ބަޔަކާ ބެހޭގޮތުން ސުވާލުކުރެވޭނެއެވެ."
- ޝައިޚް ޑރ ސާޖިދު ޢުމަރުގެ ދަރުސަކުން
- މިއަދުނޫސް