ގެއަށް އަންނައިރު އަނބިމީހާއަށް ނުކުރެވި ހުންނަ ކަންކަން ފާހަގަކުރުމުގެ ބަދަލުގަ ކޮށްފައި ހުރި ކަންކަން ފާހަގަކޮށް ޝުކުރުވެރިވާނަމަ ޘަވާބުވެސް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ގެއަށް އަންނައިރު އަނބިމީހާއަށް ނުކުރެވި ހުންނަ ކަންކަން ފާހަގަކުރުމުގެ ބަދަލުގަ ކޮށްފައި ހުރި ކަންކަން ފާހަގަކޮށް ޝުކުރުވެރިވާނަމަ ޘަވާބުވެސް ދެއްވަވާނެ! އިން ޝާ ﷲ

"އަޅުގަނޑަކީ 3 ދަރިންގެ މަންމައެކެވެ. 3 ދަރިންގެ ކަންކަން ބަލަހައްޓަމުން މުސްކުޅިބަލީގައި އޮތް މައިދައިތަގެ ކަންކަންވެސް ބަލަހައްޓަމެވެ. އެވަރުންވެސް ފިރިމީހާގެ ކިބައިން ހެޔޮ ބަހެއް ނުލިބެއެވެ. އަބަދުވެސް ފާހަގަކުރާނީ ނުކުރެވި ހުންނަ ކަންކަމެވެ.  

ފިރިމީހާގެ ޝަކުވާތައް ގިނަވެ ކެތްތެރިނުވެވޭ ޙާލަތަށް ދިއުމުން އެންމެ ހަފްތާއަކަށް ގެއަށް ގޮސްލުމުގެ ހުއްދައަށް އެދުނީމެވެ. ދާންއުޅުނީ ކުދިންވެސް ގޮވައިގެންނެވެ. ފިރިމީހާ ރުޅިއައިސް ބުނީ އެކަނި ދިއުމަށެވެ. އެހެން އެބުނީ ދިއުމަށް ހުރަސްވެގެންކަން ވިސްނުނެވެ. އެހެންވެ ފިރިމީހާ ބޭނުންވިގޮތަށް 3 ދަރިން ބައިތިއްބާފައި ގެއަށް ދިއައިމެވެ.  

ގެއަށް ދިއަތާ 3 ވަނަ ދުވަހު 3 ދަރިން ގޮވައިގެން އައިސް ބުނީ ދަރިން  ބަލަން ހަދައިގެން "ހަލާކުވެއްޖެ" ކަމަށެވެ. އެހެންވެ ދަރިން ގެނެސްދިނީ ކަމަށެވެ. އަޅުގަނޑު ބުނީ ދަރިން ބައިތިއްބާފައި އެނބުރި ދިއުމަށެވެ. އެހެން ބުނުމުން ދައްކަންފެށީ އޭނާގެ މަންމަގެ ވާހަކައެވެ. މަންމަ ބެލުމުގެ ވާހަކައެވެ.  

އެހިސާބުން ބުނީމެވެ. ތިއަހުރިހާ މަސައްކަތެއްކޮށްގެން އުޅޭކަމުން ވީކޮންކަމެއް ހެއްޔެވެ؟ ޝަކުވާކުރުން ނޫންކަމެއް ކުރަމުހެއްޔެވެ؟ އެހެންވެ ޤަޞްދުކުރަނީ އެނބުރި ތިއަ ގެއަށް ނުދާށެވެ! ނުދިއައިމަ ދަރިންނަށް ޚަރަދުނުކުރާނެކަންވެސް އެނގެއެވެ. އެކަން ﷲ އަށް ވަކީލެވެ."  

އަޅުގަނޑުގެ މައިންބަފައިންގެ ޙާޒިރުގައި ކުރިން ކަންތައްކުރި ގޮތަށް މާފަށް އެދުނެވެ. ދެން އެފަދަ ކަމެއް ތަކުރާރުނުކުރާނެ ކަމަށް ވަޢުދުވެ އެތައް އާދޭހެއް ކުރުމުން އެންމެ ފަހު ފުރުޞަތުކަމަށްބުނެ އެނބުރި ދިއައިމެވެ."  

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކަކޮޅެކެވެ. ދެން މިގެނެސްދެނީ ޢިލްމްވެރިއެއްގެ ނަޞީޙަތުގެ ބަސްކޮޅެކެވެ.  

ޒަވާޖީހަޔާތުގައި ދަރިން ލިބުމުން އަނބިމީހާއަށް އުފުލަންޖެހޭ ބުރަ ވަޒަންކުރެވޭނީ އެބުރަ އުފުލަންޖެހުނު މީހަކަށެވެ. ވިހެއުމުގައި އަޅާވޭން އިޙްޞާޞްކުރެވޭނީ ވިހަންޖެހުނު އަންހެނަކަށް ފަދައިންނެވެ.  

ގެއަށް އައިސް ވަދެވުނީމާ ފާހަގަކުރަންވީ އަނބިމީހާއަށް ނުކުރެވިހުރި ކަންކަމެއް ނޫނެވެ. ފުރަތަމަ ކަމަކަށް އަނބިމީހާއަށް ކުރެވިފައިހުރި ކަންކަން ފާހަގަކޮށް ޝުކުރުއަދާކުރާށެވެ! ވަރުބަލި ފިލުވާލައިގެންނަމަވެސް އަނބިމީހާއަށް ނުކުރެވިހުރި ކަންކަން ކުރަން އެހީތެރިވެދޭށެވެ.

އެއްގޮތަކީ އެކަންކަން އަމިއްލައަށް ކުރުމެވެ. ދެވަނަ ގޮތަކީ ދަރިން ބެލުމުގެ ކަންކަމާއި ޙަވާލުވެ އަނބިމީހާއަށް ލުއިކޮށްދިނުމެވެ. މަސައްކަތުން އެނބުރި ގެއަށްއައުމަށްފަހު ޢާއިލާއާއިއެކު ގޭގައި މަޑުކުރާށެވެ! އެކުވެރިންނާއި ބައްދަލުކުރަން ބޭރަށްދާންވާނީ ޢާއިލާއަށް ވަޤުތުދިނުމަށްފަހުގައެވެ. އެއިރުން ހުންނާނީ ނުކުރެވިހުރި ކަންކަން ކުރެވިފައެވެ. 

މިކަންކަމަކީ ސުންނަތުން ފެންނަންހުރި ކަންކަމެވެ. ވީމާ މިކަންކަން މިގޮތަށް ކުރާނަމަ އެއީ ޘަވާބު ދެއްވަވާނެ ހެޔޮ ޢަމަލެވެ. އަދި ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބި އިތުރުވާނެ ކަމެއްވެސްމެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން