ގޭގެ އެންމެންނަށް މުޅިދުވަހު ޚިދުމަތްކުރާ އަނބިމީހާ ބަލިވެ އޮތަސް، ވަރުބަލިވެގެން "ދެމިފައޮތަސް" އޭނާގެ ޙާލު އަހައިލާނެ މީހަކު ނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ގޭގެ އެންމެންނަށް މުޅިދުވަހު ޚިދުމަތްކުރާ އަނބިމީހާ ބަލިވެ އޮތަސް، ވަރުބަލިވެގެން "ދެމިފައޮތަސް" އޭނާގެ ޙާލު އަހައިލާނެ މީހަކު ނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން!

އަހުރެން މިދައްކަނީ މީހަކު ބުނި ވާހަކައެއް ނޫނެވެ. އަމިއްލަ ލޮލަށް ފެންނަ ކަމެއްގެ ވާހަކައެވެ. އަހުރެންނަށް ވަދެ އުޅެވޭ ބައެއް ގޭގެއިން ލޮލަށް ފެންނަކަމެއްގެ ވާހަކައެވެ.  

ގޭގައި އުޅެނީ ދެމަފިރިން އެކަންޏެއް ނޫނެވެ. ދެމަފިރިންނާއި ދަރިންގެ އިތުރުން ފިރިމީހާގެ ޢާއިލާގެ ގިނަބައަކުވެސް އުޅެއެވެ. އެއެންމެންނަށް ކައްކައި ކާންދީ ގޭތެރޭގެ މަސައްކަތްކުރަނީ އެންމެ އަންހެނެކެވެ. އެއީ ކޮންމެވެސް އެއްދަރިއެއްގެ އަނބިމީހާއެވެ.  

އަހުރެންނަށް ފާހަގަކުރެވޭ ކަމަކީ ޢާއިލާއަށް އެހައި ބުރަކޮށް ޚިދުމަތްކުރާ އަންހެނަކު ބަލިވެ އޮތަސް އަދި މަސައްކަތްކުރަމުންގޮސް ގައިން ހަކަތަހުސްވެ ވަރުބަލިވެގެން ދެމިފައި އޮތަސް އޭނާގެ ޙާލު އަހައިލާނެ މީހަކުވެސް ނުވާކަމެވެ.  

މިއީ ވަރަށް ދެރަ ކަމެކެވެ. އިންސާނިއްޔަތާއިވެސް ޚިލާފް ކަމެކެވެ. ޢާއިލީ ގުޅުމަށް ނުވިސްނައި ހަމައެކަނި ތިމާއަށް ޚިދުމަތްތަކެއް ކޮށްދޭ މީހަކާއިމެދު މިގޮތަށް ކަންތައްކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އަހުރެން ބުނާނީ އެގޮތަށް ކަންތައްކުރާނީ އިންސާނިއްޔަތުކަންވެސް ނުހުންނާތީ ކަމަށެވެ.  

އޭނާ އެގެއަށް ގެންދެވުނީ ގޭގެ އެންމެންނަށް ޚިދުމަތްކުރާކަށް ނޫނެވެ. އޭނާއަށް ޚިދުމަތްކުރަން މަޖުބޫރުވާނީ ފިރިމީހާއަށާއި އޭނާގެ ދަރިންނަށެވެ. ފިރިމީހާގެ މައިންބަފައިންނަށް ޚިދުމަތްކުރަނީވެސް އޭނާގެ ރަނގަޅު ކަމުންނެވެ. ޅޮޔަން ފަހަރިންނަށް ޚިދުމަތްކުރަނީ ރަނގަޅުކަން މާބޮޑުވީމައެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިނުބައި އާދައަކީ ފާފަވެރިވާނެ ކަމެކެވެ. ހިލޭ ސާބަހަށް އޭނާ އެކުރާ ޚިދުމަތުގެ އަގު ވަޒަންކުރާށެވެ! އޭނާގެ ޙާލުބަލާށެވެ! ހަމްދަރުދީވާށެވެ! އަހުރެމެންގެ ދީނުގައި އޮތީ އެގޮތެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން