ދޮންފަނު އިންވިޓޭޝަން ކަޕުގެ ދެވަނަ މެޗުގައި ކަމަދޫ ބަލިކޮށް އޭދަފުށިން އުއްމީދު އާކޮށްފިއެވެ.
ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު އޭދަފުށިން ކާމިޔާބުކުރީ 0-2 ލަނޑުންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަހާފުގގެ 32 ވަނަ މިނެޓުގައި ޢަލީ ނަސީމުގެ ލަނޑުން އޭދަފުށި ލީޑުނަގައިދީފައެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ ފަހު ހާފުގެ ފަހު މިނިޓުގައި ޖަހައިދިނީ ރަޒާން ރަޝީދު އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އޭދަފުށީ ޓީމުގެ އަހްމަދު ތަސްނީފަށެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން މާޅޮސް އަތުން ދޮންފަނު ވަނީ 4-0 އިން މޮޅުވެފަ އެވެ.
ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތަކީ މި އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި ދޮންފަން، މާޅޮސް، ކަމަދޫ، ދަރަވަންދޫ، އޭދަފުށި، ކުޑަރިކިލު، ކިހާދޫ އަދި ގޮއިދޫ ވަނީ ބައިވެރިވެފައެވެ. މި މުބާރާތް މިމަހުގެ 17 އާހަމައަށް ކުރިއަށްދާނެއެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ވާދަކުރާނީ ގްރޫޕް ބީގައި ހިމެނޭ ފައިބެއަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި ކިހާދޫއެވެ.