ބ. ދޮންފަނު އިންވިޓޭޝަން ކަޕްގެ ގްރޫޕު ބީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރި މެޗު ހަމަހަމަ ނަތީޖާއަކުން ނިމިއްޖެއެވެ.
މިއަދުގެ މެޗުގައި ބައްދަލުކުރީ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ އާއި ކިހާދޫއެވެ. މި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.
ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ގޮއިދޫ އިންނެވެ. މި ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ ޙަސަން އިފްހާމް އެވެ. އަދި ފުރަތަމަ ހާފު ނިންމާލީ މި ލީޑުގައި އޮވެގެންނެވެ.
އެހެންނަމަވެސް ދެވަނަ ހާފުގައި ކިހާދޫ އިން ވަނީ ކުޅުން ރަނގަޅުކުރުމުގެ ނަތީޖާއަކަށްވީ ގޮއިދޫގެ ދިފާޢީ ކުޅުންތެރިންނަށް ކިހާދޫގެ ފޯވަރޑް ލައިނުން ބާރުބޮޑުކުރަމުން ދިއުމެވެ. އަދި އޭގެ ނަތީޖާއަކަށްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރު ވަގުތުގައި ޢަލީ އަނީސް ޖަހައިދިން ލަނޑުން އެންމެފަހުގެ ޗެމްޕިއަންގެ ފުރަތަމަ މޮޅަށް ހުރަސްއެޅުމެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ގޮއިދޫގެ ޝިރުހާން ޢަލީއަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ދޮންފަނު ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް މުޙައްމަދު ޢަބްދުލްކަރީމު އެވެ.
މާދަމާ ހަވީރު 16:00ގައި ބައްދަލުކުރާނީ ގްރޫޕް ބީގައި ހިމެނޭ ދަރަވަންދޫ އާއި ކުޑަރިކިލެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ މާޅޮސް އާއި ދޮންފަނު ބައްދަލުކުރި މެޗު 4-0 އިން ދޮންގަނު ކާޟިޔާބު ކުރި އިރު، ދެވަނަ މެޗުގައި އޭދަފުށި ވަނީ 0-2 ލަނޑުން ކަމަދޫގެ މައްޗަށް ކުރިހޯދާފައެވެ.
ފޮންފަނު އިންވިޓޭޝަން ކަޕަކީ ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މަހުގެ 17 އާހަމައަށް ކުރިއަށްދާ މި މުބާރާތުގައި އެ އަތޮޅުގެ 8 ރަށަކުން ވަނީ ބައިވެރިވެފައެވެ. އެއީ ދޮންފަން، މާޅޮސް، ކަމަދޫ، ދަރަވަންދޫ، އޭދަފުށި، ކުޑަރިކިލު، ކިހާދޫ އަދި ގޮއިދޫ އެވެ.