ބ. ދޮންފަނުގައި ކުރިއަށްގެންދާ 'ދޮންފަނު އިންވިޓޭޝަން ކަޕް' ގައި ކުރިއަށް ދިއުމުގެ އުއްމީދު އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ އިން އާކޮށްފިއެވެ.
އެޓީމުން އުއްމީދު އާކުރީ ގްރޫޕް ބީގައި ހިމެނޭ ކުޑަރިކިލާއި ބައްދަލުކުރި މެޗު 3 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްގެންނެވެ.
މި ދެޓީމު އިއްޔެ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެޓީމުންވެސް ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އަމާޒުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ގޮއިދޫއަށް ލީޑު ނަގައިދިނީ އަޙްމަދު ބައްސާމެވެ. އަދި 71 ވަނަ މިނެޓުގައި ޢަލީ ޖަޒްލާން ޖަހައިދިން ލަނޑުން އެޓީމުގެ އުއްމީދު ވަނީ އިތުރުވެފައެވެ. ގޮއިދޫއަށް އިތުރު އުއްމީދަކަށްވީ 78 ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޢަލީ ޖަޒްލާން ޖަހައިދިން ލަނޑުންނެވެ.
ކުޑަރިކިލުގެ ހަމައެކަނި ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ރިފާޢު ޢަބްދުﷲ އެވެ.
މި ނަތީޖާއާއެކު އެއްޕޮއިންޓުގެ ފަރަގަކާއި އެކު 4 ޕޮއިންޓް ހޯދައިގެން ގޮއިދޫ މިވަގުތު އޮތީ ގްރޫޕް ބީގެ އެއްވަނަ މަޤާމުގައެވެ. ދެވަނައިގާ 3 ޕޮއިންޓާއެކު އޮތީ ކުޑަރިކިލެވެ.
އެންމެ ޕޮއިންޓަކާއެކު ކިހާދޫ އޮތް އިރު، ދަރަވަންދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މިއީ ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ދޮންފަނު ޒުވާނުންގެ ރޫހުން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި އެ އަތޮޅުގެ ދޮންފަން، މާޅޮސް، ކަމަދޫ، ދަރަވަންދޫ، އޭދަފުށި، ކުޑަރިކިލު، ކިހާދޫ އަދި ގޮއިދޫ ވަނީ ބައިވެރިވެފައެވެ.