ބ. ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން ބާއްވާ 'ދޮންފަނު އިންވިޓޭޝަން ކަޕް' ގެ މިއަދުގެ މެޗުގައި ކިހާދޫއާ ވާދަކޮށް ބަލިވުމުން، ޕޮއިންޓެއް ނުލިބި ދަރަވަންދޫއިން ހުސްއަތާ މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.
މިއަދު ކުޅުނު ގްރޫޕް ބީގެ މި މެޗު ކިހާދޫއިން ކާމިޔާބުކުރީ 4 ލަނޑު 1 ލަނޑުންނެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު 9 ވަނަ މިނެޓުގައި ޢަލީ އަނީސް ޖަހާފައިވަނިކޮށް 29 ވަނަ މިނެޓުގައި ދަރަވަންދޫގެ ޙުސައިން ޔައުރިފް ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަކޮށްފައެވެ.
އެހެންނަމަވެސް 34 ވަނަ މިނެޓުގައި ކިހާދޫގެ އަޙްމަދު މިފްޒާލު ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އަދި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދި ޙުސެއިން އީމާން ވަނީ އިތުރު ދެ ލަނޑު ޖަހާ ކިހާދޫގެ އުއްމީދުތައް އާކޮށް، 3 ޕޮއިންޓު ޔަޤީންކޮށްދީފައެވެ.
ގްރޫޕް ބީގެ އެއްވަނައިގާ ގޮއިދޫ އާއި ކިހާދޫ އޮތީ 4 ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގާ ކުޑަރިކިލު 3 ޕޮއިންޓާއެކު އޮތް އިރު، ދަރަވަންދޫއަށް މުބާރާތް ނިންމާލަން ޖެހުނީ ޕޮއިންޓެއް ނުލިބިއެވެ.
މި މުބާރާތުގެ ގްރޫޕް އޭ އިން ދޮންފަނާއި އޭދަފުށި ސެމީފައިނަލަށް ގޮސްފައިވާ އިރު، ގްރޫޕް ބީން ސެމީއަށް ދާ ޓީމުތައް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމުންނެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އެބައޮތެވެ.