މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ މަސްވެރިން އެއް ވިއުގައެއްތެރޭ ގުޅާލަދީ، އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ "މަސްވެރިންގެ ޕެކޭޖް" އުރީދޫ އިން ރޭ ތައާރަފްކޮށްފިއެވެ. މަސްވެރީންގެ ދުވަސް ފާހަގަ ކުރުމަށް ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މި ޕެކޭޖު ތައާރަފް ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު އަދި އުރީދޫގެ ރީޖަނަލް މެނޭޖަރ ސޭލްސް، އަބްދުއްﷲ ސައީދުއެވެ. މި ޚާއްސަ ޕެކޭޖު ފަރުމާ ކުރެވިފައިވަނީ،
އަދުގެ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށެވެ. އުރީދޫ މަސްވެރިންގެ ޕެކޭޖު މެދުވެރިކޮށް، މުޅި މަސްވެރިންގެ އާއިލާގެ ތެރޭގައި ހިލޭ ގުޅާލެވޭނެއެވެ. އަދި މި ޕެކޭޖުތައް މެދުވެރިކޮށް ވަރަށް ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި، ހިލޭ ވައިބަރ އަދި ޓްވިޓަރ ލިބިގެންދާނެއެވެ. "ފެށުނީއްސުރެ، އުރީދޫ އަކީ ދިވެހި މަސްވެރިންގެ ގާތް ބައިވެރިއެއް.
މަސްވެރިންގެ މަސައްކަތް ހުންނަ ގޮތުން، އާއިލާ އާއި ދުރުގައި ގިނަ ވަގުތު ދަތުރު ކުރަންޖެހޭ. އުރީދޫގެ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް މި ދިގު ދަތުރުތައް ލުއިވެ، ގާތް ތިމާގެ މީހުންނާއި ގުޅުން ބޭއްވުން ފަސޭހަ ވެގެންދާނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ރައްކައުތެރި ކުރުމަށްޓަކާ އުރީދޫ އިން ދާނީ އަބަދުވެސް އިންވެސްޓްމަންޓްތައް ކުރަމުން.
ދިވެހިރާއްޖެއަށް އެހާމެ މުހިއްމު މި ދާއިރާ ކުރިއެރުމަށް ދިވެހި މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ޝުކުރުވެރިވަން." އުރީދޫގެ ސީއީއޯ، ނަޖީބު ޚާން ވިދާޅުވިއެވެ. އުރީދޫ މަސްވެރިންގެ ޕެކޭޖު ވަނީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ މަސްވެރިންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ޚިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ މަސްވެރިންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދެއެވެ. ހަމައެއާއި އެކު، 4 ޢަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، މަސްވެރިންގެ ޕެކޭޖުގައި ހިމެނޭ ބޭފުޅުންގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
އުރީދޫ މަސްވެރިންގެ ޕެކޭޖު ބޭނުންކުރައްވާ ކަސްޓަމަރުންނަށް، މަސައްކަތުގެ މައިދާނުގެ އިތުރުން، އާއިލާ އާއި ގުޅާލުމަށްވެސް ފަސޭހަވެގެންދެއެވެ. މިގޮތުން، ކޮންމެ މަސްވެރިޔަކަށްވެސް، އާއިލާގެ މެންބަރުންގެ ތެރެއިން، ބޭނުންފުޅުވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އުރީދޫ އިން ބުނެފައިވަނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ މުޖުތަމައު އަށް ފައިދާކުރާނެ، އަދި ރައްޔިތުންގެ މަސައްކަތްތަކާއި އާންމު ދިރިއުޅުމަށް ކުރިއެރުން މަގުފަހިކޮށްދޭ ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.