ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު، އެދާއިރާގެ ރަށްތަކަށް ބާއްވަމުން އަންނަ ' އެމްޕީ ކަޕް' ގެ އެންމެ ފަހުބޮޅުގެ ނިމުން މާދަމާ އޮންނާނެއެވެ.
މަޖިލީހުގެ ގޮނޑިއަށް ވާދަކުރައްވަމުން ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ކިނބިދޫ ދާއިރާގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވާ މި މުބާރާތުގެ ފައިނަލު މެޗަށް ހިރިލަންދޫ އާއި ވަންދޫ މިއަދު ނުކުންނަ އިރު، މިއީ ދެޓީމަށްވެސް މުހިންމު މެޗެކެވެ.
މި މުބާރާތް ހިރިލަންދޫ ދެފަހަރު ކާމިޔާބުކޮށްފައިވާއިރު، ވަންދޫއިންވެސް ވަނީ މުބާރާތުގެ ތަށި އެއްފަހަރު އުފުލާލާފައެވެ. އެހެންކަމުން ދެޓީމަށްވެސް ޚާއްޞަ މެޗަކަށް ނުވާންވީ ސަބަބެއް ނެތެއްނޫންތޯއެވެ!
އެހެންނަމަވެސް ހިރިލަންދޫއަށް މިއަދުގެ މެޗު ވަކިންބޮޑަށް ޚާއްޞަވެއެވެ. އެއީ ކުރިން ދެފަހަރު މި މުބާރާތުގެ ތަށި އުފުލާލާފައިވާތީ، 3 ވަނަ ފަހަރަށް ތަށި އުފުލާލާ، މުބާރާތުގެ ފެވަރިޓުންގެ ލަޤަބު ހޯދުމެވެ.
ވަންދޫއަށް އޮތީ އެކަން ހިރިލަންދޫއަށް ވިޔަނުދީ ހުއްޓުވުމެވެ. އެހެންގޮތަކަށް ބުނާނަމަ، ވަންދޫ ޗެމްޕިއަންކަން ހޯދުމެވެ. އެހެންކަމަށްވެއްޖެނަމަ، 'އެމްޕީ ކަޕް' ގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް ވަންދޫވެސް އަރާނެއެވެ. އޭރުން ހިރިލަންދޫ، ކިނބިދޫ އަދި ވަންދޫ ކޮންމެ ޓީމަކަށްވެސް ދެފަހަރު މިތަށި އުފުލާލުމުގެ ޝަރަފް ލިބުނީއެވެ.
މިއަހަރުގެ އެމްޕީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި ދެޓީމު ބައްދަލުކޮށް 3 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ވަންދޫއެވެ. އަދި މިއަހަރުގެ މުބާރާތް ބާއްވަނީ ވަންދޫގައި ކަމަށްވާތީ، ގިނަ ބަޔަކު ޤަބޫލުކުރާ (ހޯމް އެޑްވާންޓޭޖް) ވަންދޫއަށް އޮންނާނެކަމަށް ޤަބޫލުކުރެވެއެވެ.
އެކަމަކު ކުޅިވަރުގައި ހޯމް އެޑްވާންޓޭޖަށް ބަރޯސާވުމަކީ ބިރުބޮޑު ކަމެކެވެ. އޯވަރކޮންފިޑެންސް ވުމަކީ ހޯމް އެޑްވާންޓޭޖަށްވުރެ ބޮޑަށް އިދިކޮޅު ޓީމަށް ލިބޭ އެޑްވާންޓޭޖަކަށް ގިނަފަހަރު އޮންނަނީ ވެފައެވެ.
މި މުބާރާތުގެ ޕޮއިންޓު ތާވަލަށް ބަލާލާ އިރު، އެންމެފަހުގެ ޗެމްޕިއަން ކިނބިދޫ އާއި ހިރިލަންދޫވެސް ވަނީ 7 ޕޮއިންޓުން އެއްވަރުވެފައެވެ. ނަމަވެސް ހިރިލަންދޫއަށް ފައިދާ 5 ގޯލް ލިބުނު އިރު، ކިނިބިދޫގެ ފައިދާ ގޯލެއް ލިބިފައިނުވާތީ، ފައިނަލުގެ ޖާގަ ހިރިލަންދޫއަށް ލިބުނީއެވެ.
މިއާއިޚިލާފަށް ވަންދޫ ފައިނަލަށް ދަތުރުކުރީ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ.
ދެން އޮތީ އެމްޕީ ކަޕްގެ ފާއިތުވި މުބާރާތްތަކުގެ ފައިނަލްގައި ވަންދޫ އާއި ހިރިލަންދޫ ވާދަކޮށް ނަތީޖާ ނުކުތް ގޮތެވެ. މި ދެޓީމު މިހާތަނަށް ވަނީ އެމްޕީ ކަޕްގެ 3 ފައިނަލެއްގައި ވާދަކޮށްފައެވެ.
ކޮންމެ ޓީމެއް އެއްފަހަރު ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އެގޮތުން ދެވަނަ މުބާރާތް ހިރިލަންދޫއިން ކާމިޔާބުކޮށްފައިވަނީ އެރަށުގައި މި މުބާރާތް ބާއްވައިގެންނެވެ. އަދި ތިންވަނަ މުބާރާތްވެސް ބޭއްވީ ހިރިލަންދޫގައެވެ. އެހެންނަމަވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަންދޫއެވެ.
ކޮންމެއަކަސް މެޗެއްގެ ނަތީޖާ ކަނޑައެޅޭނީ ރެފްރީގެ އެންމެ ފަހުގެ ކަށިގަނޑަށެވެ.
މާދަމާއަކީ ބޮޑު ދުވަހެކެވެ. ދެރަށުގެ ސަޕޯޓަރުންގެ ހިތްވަރާއި ތަރުހީބުން މުޅި ދަނޑު ގުގުމާލާނެއެވެ. މޮޅުވާ ޓީމަކަށް އައްސަރިބަހާއި ސާބަހެވެ. ދެރަވިޔަސް ހިތްވަރާއެކު މިހާ ހިސާބަށް އާދެވި، ފައިނަލުގައި ކުޅުމަކީވެސް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.
އަހަރުމެން މިތިބީ މެޗުގެ ނަތީޖާގެ އިންތިޒާރުގައެވެ.