"ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތެދުބުނެ، އަމާނާތްތައް އެއިގެ އަހުލުވެރިންނަށް އަދާކުރާނަމަ ތިމާއަށް ލިބޭނީ ގެއްލުމެވެ. އެގޮތަށް އެކަން ޤަބޫލުކުރާ މީހުން ކަންކަމުގައި ދޮގު ބުނެ އޮޅުވާލައެވެ. ދޮގު ބުނެގެން ކަންކަމުން ސަލާމަތްވުމަށް މަސައްކަތް ކުރެއެވެ.
ނަމަވެސް އެއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައި ވަނީ ކޮންމެ ޙާލަތެއްގައިވެސް ތެދުވެރިވުމަށެވެ. ދޮގު ނުހެދުމަށެވެ. ތެދުވެރިވުމަށާއި ތެދުވެރިންނާއިއެކުގައިވުމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. 7 އުޑުގެ މަތިން މިގޮތަށް ބަޔާން ކުރެއްވެވުމުން ތެދުވެރިންނާއިއެކުގައި ނޫނީ އުޅުމެއް ނެތެވެ.
މީހަކު ތެދު ބުނުމަކީ އޭނާގެ މަސައްކަތްތަކުގައި ބަރަކާތް ލައްވަވާ ކަމެކެވެ. ތެދުބުނުމުން އަޅުގަނޑުމެންގެ ކުށްފާފަތައް ފުއްސަވައި ދެއްވަވާނެ ކަމށް ﷲ ތަޢާލާ ވަނީ ވަޢުދުވެވޮޑިގެންފައެވެ. ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ތިއަބައިމީހުން ﷲ ތަޢާލާއަށް ބިރުވެތިވުމަށާއި ތެދުބުނުމަށެވެ. އަދި ތެދު ބުނުމުން ތެދުބުނުމުން އެމީހާގެ އަމަލުތައް އިޞްލާޙްކޮށްދެއްވަވާނެ ކަމަށެވެ.
މިމޭރުމުން ޚުޠުބާ ކުރިއަށް ގެންދަވަމުން ޝައިޚް އިލްޔާސް ހުސައިން ވަނީ ޢުމަރުގެފާނުގެ ވެރިކަމުގައި ހިނގައިދިއަ ހާދިސާއެއް ވިދާޅުވެދެއްވަވައިފައެވެ.
އެ ހާދިސާގައި މީހަކު ރުޅިއައިސް އެއްލި ގައުބުރިއަކުން ޖެހި މީހަކު މަރުވުމާއި ގުޅިގެން ޤިޞާޞަ ހިފަން ޖެހުނު މީހަކު ﷲ ތަޢަލާއަށް ބިރުވެތިވެ ތެދުބަހުން ވާހަކަދައްކައި ތެދުވެރިކަމާއިއެކު ޢަމަލުކުރުމުން މަރުވި މީހާގެ ވާރިސުން އޭނާއަށް މާފުކުރުމުން ޤިޞާޞް ހިފުމުން އޭނާ ސަލާމަތްވި ގޮތުގެ ވާހަކަ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.