ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު، އެދާއިރާގެ ރަށްތަކަށް ބާއްވަމުން އަންނަ ' އެމްޕީ ކަޕް' ގެ އެންމެ ފަހު މުބާރާތުގެ ޗެމްޕިއަންކަން ވަންދޫއިން ހޯދާ، ތަށި އުފުލާލައިފިއެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލު މެޗުގައި މި މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމު ކަމަށްވާ ހިރިލަންދޫއާ ވާދަކޮށް ވަންދޫއިން ޗެމްޕިއަންކަން ހޯދީ 2 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.
ދެރަށްވެސް ނިސްބަތްވާ ގިނަ ސަޕޯޓަރުންގެ ތަރުހީބާއެކު ޖޯޝާއި ފޯރީގައި ކުޅުނު މި މެޗުގެ ލަނޑުޖަހާ ފުރަތަމަ ލީޑު ނެގީވެސް ވަންދޫއިންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަބީން އެވެ.
ފުރަތަމަ ހާފުގައި މި ލީޑުގައި އޮވެ، ވަންދޫއިން ނިންމާލިޔަސް ހިރިލަންދޫއަށްވެސް ވަނީ ނަތީޖާ އެއްވަރުކުރުމަށް ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ތާރީޚުން ޖާގަ ހޯދުމަށް ނުކުތް ހިރިލަންދޫއިން ދެވަނަ ހާފުގައި ކުޅުން ވަރުގަދަކޮށް އަކްރަމް ވަނީ ހިރިލަންދޫއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ގޯލާއެކު ދެޓީމުގެ ހަމަލާތައްވެސް ވަރުގަދަކޮށް، އިދިކޮޅު ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އަދި ދެވަނަ ހާފްގެ 24 ވަނަ މިނެޓުގައި ވަންދޫގެ އިބްރާހީމް ރައިހާންގެ ލަނޑުން އެޓީމަށް އުންމީދު އާކޮށްދިނެވެ.
މި ނަތީޖާގައި މެޗު ނިމެންދަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ހިރިލަންދޫއަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައަކުން އެޓީމުން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. ނަމަވެސް އެސިސްޓެންޓް ރެފްރީ އޭރު ހުރީ އޮފްސައިޑް ލަނޑެއް ކަމަށް ދިދަ ނަގައިގެންނެވެ.
ހިރިލަންދޫގެ ސަޕޯޓަރުން މެޗު ނިމުމުން އެސިސްޓެންޓް ރެފްރީ ވަށާލާ ނުރުހުން ފާޅުކުރުމުގެ ސަބަބުން އިނާމްދިމުގެ ރަސްމިޔާތަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއްވިއެވެ.
ޗެމްޕިއަން ޓީމަށް ތައްޓާއި ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ކުރީގެ ނައިބް ރައީސް މުޙައްމަދު ޖަމީލް އަޙްމަދު އެވެ.
ފައިނަލް މެޗު ބައްލަވާލެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް ނާޒިމް އާއި ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ރިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.