ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ޚާއްޞަކޮށް ފުޓްބޯޅައިގެ ދިގު ތާރީޚެއް އޮންނަ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އިންތިޚާބު މި މަހުގެ 22 ގައި ބާއްވަން ނިންމައިފިއެވެ.
އެ ކުލަބުން ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ބޯޑުން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހުގެ 15:00 އާއިހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އިންތިޚާބު އޮންނާނީ ހޮނިހިރު ދުވަހު 20:30 ގައި ގަލޮޅު މަދުރަސާގައި ކަމަށެވެ.
މި އިންތިޚާބުގައި ވިކްޓްރީގެ ބޯޑުން ހުސްވެފައިވާ ޗެއަރމަންގެ މަޤާމާއި ވައިސް ޗެއަރމަން (ފައިނޭންސް އެންޑް މާކެޓިންގ) ވައިސް ޗެއަރމަން (ސްޕޯޓްސް އެންޑް ޓެކްނިކަލް) ގެ މަޤާއި ބޯޑަށް 10 ޑިރެކްޓަރުން ހޮވާނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ކްލަބުގެ އީމެއިލް [email protected] އަށް ނުވަތަ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ހުންނަ އެ ކްލަބުގެ އޮފީހަށް ސިޓީ ފޮނުވުމަށް އެދޭ ކަމަށްވެސް އެކުލަބުން ވަނީ ބުނެފައެވެ.
ވިކްޓްރީ ސްޕޯޓްސް ކުލަބަށް 47 އަހަރު ވެފައިވާ އިރު، އެކުލަބު މިއަހަރުގެ ސީޒަން ނިންމާލީ 10 ޕޮއިންޓާއެކު ޓޭބަލްގެ 8 ވަނައިގައެވެ. އަދި ކުލަބުގެ މާލީ ހާލަތުގެ ސަބަބުން ޕްރިމިއަރ ލީގުގެ ދެ މެޗު ނުކުޅެ ދޫކޮށްލާފައިވެއެވެ.