ޢިމްރާން ދިވެހި ޤައުމީ ޓީމަށް ކުޅޭ ވަދާޢީ މެޗުގައި ދުނިޔޭގެ އެންމެމޮޅު ގޯލްކީޕަރުން ބައިވެރިކުރަނީ..

ކިޔުމަށް ހޭދަވާނީ 3މ 57ސ
ޢިމްރާން ދިވެހި ޤައުމީ ޓީމަށް ކުޅޭ ވަދާޢީ މެޗުގައި ދުނިޔޭގެ އެންމެމޮޅު ގޯލްކީޕަރުން ބައިވެރިކުރަނީ..

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު ކަމުގައިވާ ޢިމްރާން މުހައްމަދު (އިންމަ) ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅޭ ވަދާޢީ މެޗު މި ޑިސެމްބަރ މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އިން ނިންމައިފިއެވެ.

 

އެފްއޭއެމް އިން ބުނީ މިއީ މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މި އަހަރުގެ ހަފުލާގެ ބައެއްގެ ގޮތުގައި ކުޅޭ މެޗެއް ކަމަށާއި މި މެޗުގައި ކުޅެން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ޑެންމާކުގެ ޕީޓަރ ޝުމައިކަލް އާއި ސްޕެއިނުގެ މިޝޭލް ސަލްގާޑޯ ގެންނަން ނިންމާފައިވާ ކަމަށެވެ.

 

އެވޯޑްސް ހަފުލާ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު ހަވީރު ކްލަބް ފަރު ރިޒޯޓުގައެވެ.

 

މި މެޗުގައި އިމްރާންގެ ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގް (ދަގަނޑޭ) ހިމެނޭ އިރު، ދެން ހިމެނެނީ ޢިމްރާންއާއެކު ޤައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނު ކުޅުންތެރިންނާއި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިން ކަމަށް އިންމަ ވަނީ ބުނެފައެވެ.

 

އިދިކޮޅުން ކުޅޭ އެފްއޭއެމްގެ ޓީމުގައި މެންޗެސްޓަރ ޔުނައިޓެޑާ އެކު 1999 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރި ކުޅަދާނަ ގޯލްކީޕަރު ޝުމައިކަލް އާއި ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ސްޕެއިން ޑިފެންޑަރ ސަލްގާޑޯ ވަނީ ހިމަނާފައެވެ.

 

އެފްއޭއެމް އިން ބުނީ މެދުކެނޑުމެއްނެތި 17 އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް ޚިދުމަތްކޮށްފައިވާ ޢިމްރާން ވަނީ ޤައުމުގެ ޙައްޤުގައި ބޮޑު ޤުރްބާނީއެއް ވެފައި ކަމަށެވެ. އަދި މިއީ އެކަމުގެ އަގުވަޒަންކުރަން ސަޕޯޓަރުންނަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށެވެ.

 

އެ އިދާރާއިން ބުނީ މެޗުގެ އިތުރުން ދަނޑުމަތީގައި ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ވީހާވެސް ގިނަ ސަޕޯޓަރުން ވަދެ ޢިމްރާނަށާއި ދެޓީމަށް ސަޕޯޓު ކުރުމަކީ އެދޭ ކަމެއް ކަމަށެވެ. އަދި މި މެޗުގައި ބައްދަލުކުރާ ދެޓީމުގެ ކުޅުންތެރިންގެ ނަންތައް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށެވެ.

 

ޢިމްރާން ޤައުމީ ޓީމަށް ކުޅުން ހުއްޓާލިނަމަވެސް، ކުލަބު ފެންވަރުގައި އަދިވެސް އަންނަނީ ކުޅެމުންނެވެ. އަދި އަންނަ ކުލަބު ފެންވަރުގައި ކުޅޭނެ ކަމަށާއި ފުޓްބޯޅަ ކެރިއަރ ހުއްޓާލާނެ ވަކި ދުވަހެއް އަދި ނުނިންމާ ކަމަށްވެސް ވަނީ ބުނެފައެވެ.

 

ޢިމްރާން ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެންފެށި 1999 ވަނަ އަހަރުއެވެ. އަދި ޤައުމީ ޓީމަށް 111 މެޗު ވަނީ ކުޅެފައެވެ.

 

އޭނާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާ އިރު، 2008 ވަނަ އަހަރު ރާއްޖޭން ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފައިވާ އިރު، 2004 ވަނަ އަހަރު ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު، ޢިމްރާން ދައުރު ވަރަށްބޮޑަށް ވަނީ ލިބިފައެވެ.

 

ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައިވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރު ވަނީ ސާފު ޗެމްޕިއަންޝިޕްގެ 7 މުބާރާތެއްގައި ކުޅެފައެވެ. އަދި ދެކުނު އޭޝިއާގައި އެންމެ ގިނަ ޢަދަދެއްގެ މެޗު ކުޅުނު އދ. މަހިބަދޫއަށް އުފަން އިމްރާން ވަނީ ވެފައެވެ.

 

އީގަލްސް، ވިކްޓްރީ، ވީބީ، ނިއު ރޭޑިއަންޓް އަދި މާޒިޔާ ފަދަ ރާއްޖޭގެ ބޯޑެތި ކުލަބުތަކަށް ޢިމްރާން ކުޅެފައިވާ އިރު، މޮޅު ކީޕަރެއްގެ ގޮތުންނާއި މޮޅު ކެޕްޓަނެއްގެ ގޮތުގައިވެސް އޭނާ ވަނީ ފާހަގަވެފައެވެ.

 

ޤައުމީ ޓީމުގެ ވައިސް ކެޕްޓަންކޮށް 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކެޕްޓަންކަންވެސް ޢިމްރާން ވަނީ ކޮށްފައެވެ.

 

2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތުން ޢާންމުންގެ ލޯތަކުގައި އަޅައިގަން ޢިމްރާން ވަނީ އެ މުބާރާތުގައި މޮޅު ކުޅުމެއްދައްކާފައެވެ. އެގޮތުން އެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްރީ ލަންކާ އަތުން ރާއްޖެ ބަލިވި ނަމަވެސް، ޒުވާން ކީޕަރުގެ ކުޅުމަށް ގިނަ ބަޔަކު ވަނީ ތަޢުރީފު ކޮށްފައެވެ.

 

ޤައުމީ ޓީމަށް އޭނާ ކުޅުން ހުއްޓާލުމާއި ހަމައަށް އޭނާއަކީ ޤައުމީ ޓީމުގެ އެއްނަމްބަރު ކީޕަރެވެ. އޭނާ އެންމެ ފަހުން ޤައުމީ ޓީމަށް ކުޅުނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގގައި ލާއޮސްއާ ދެކޮޅަށެވެ.

 

މިއަދު އޮންލައިން