މަރުގެ ޙުކުމް ތަންފީޒުކުރުމަށް އދ ގައި މި ސަރުކާރުން ވޯޓު ދެއްވުމަކީ ދިވެހިރައްޔިތުންނަށް ލިބިގެންދިއަ ވަރަށް ބޮޑު އުފަލެއް ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެފައިވަނީ މަރުގެ އަދަބު ދިނުމާއި ބެހޭގޮތުން އދގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެ ތާއީދުކުރަނީ މަރުގެ އަދަބު ދިނުމަށް ކަމަށް ހާމަކުރުމުން އެކަމަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓޫގައެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ރާއްޖޭގެ ނިންމުމަކީ މިސަރުކާރު ބަދުނާމުކުރަން ބައަކު މީހުން ދައްކަމުން ދިއަ ވާހަކަތަކަކީ ހަޤީޤަތެއް ނޫންކަންވެސް ހާމަވެގެންދިއަ ކަމެއް ކަމަށެވެ. މިކަމާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ އދގައި އިއްޔެ ރާއްޖެއިން އިއްވި ބަޔާނަކީ ވަރަށް ހިތްވަރު ގަދަ ސަރުކާރަކަށް ނޫނީ ނެރެވޭނެ ބަޔާނެއް ނޫން ކަމަށެވެ.
ޝައިޚް ޢަލީ ޒައިދުވެސް ސަރުކާރުގެ ނިންމުމަށް ތަޢްރީފް ކުރައްވައިފައެވެ. ޤިޞާޞް ހިފުމަކީ ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދެކެވެ. ހައްދު ޖެހުމާއި ވައްކަން ކުރުމުން އަތްކެނޑުމަކީ ވެސް ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ޙައްދުތަކެވެ. ﷲ ތަޢާލާ ބާވައިލެއްވެވި އެއްވެސް ޙައްދަކަށް އިންކާރުކުރުމަކީ މުސްލިމެއްގެ ގޮތުގައި ހުރެ ކުރެވޭނެ ކަމެއް ނޫނެވެ.