ކ. ގުރައިދޫގައި މިހާރު ކުރިއަށްދާ ތުއްތޮންބެ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ޗެލެންޖަރސް އާއި ކުޑަސިޓީ މާދަމާ ނުކުންނާނެއެވެ.
ގުރައިދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗަށް މި ދެޓީމު ނުކުންނަ އިރު، މިއީ މިއަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ދެޓީމެވެ. ފައިނަލަށް ދިޔައިމަ އެކަންޏެއް ނޫނެވެ. ގްރޫޕް ސްޓޭޖުގައި އެ ދެޓީމުން ވަނީ އެކަން ޘާބިތު ކޮށްދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛު އިބްރާހިމް ރިޟާ ބާއްވަމުން އަންނަ މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. ނަމަވެސް ޖެހިގެން އައި 2018 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ޜާއްޖޭގެ އެކިރަށްރަށުގައި ކުރިއަށްގެންދިޔަ ކުޅިވަރު ހަރަކާތްތަކުގެ ސަބަބުން އެ މުބާރާތް ބާއްވައެއް ނުވެއެވެ.
އެހެންނަމަވެސް މިއަހަރު އަލުން އެ މުބާރާތް މިފެށީ 6 ޓީމާއެކުގައެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ބީޑަބްލިއުބީ، ކުޑަސިޓީ އެފްސީ، ހަޓް އެފްސީ، ސިކްސް އެކްސް އެފްސީ، އޯލް އެޓޭކް އެފްސީ އަދި ޗެލެންޖަރސް އެފްސީ ވަނީ ބައިވެރިވެފައެވެ.
މާދަމާ ހަވީރު 15:45 ގައި ފަށާ ފައިނަލް މެޗަށް ދެޓީމުންވެސް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ.
ވާނުވާ އެނގޭނީ މެޗު ނިމުނީމައެވެ. ކޮންމެ ޓީމެއް ޗެމްޕިއަންކަން ހޯދިޔަސް ގުރައިދޫ ފަޚުރުވެރިވާނެއެވެ. ރާއްޖޭގެ ފުޓްބޯޅައިގާ ' ރަން މާޒީ' އެއްއޮތް ގުރައިދޫ އަކީ ޒުވާން، ހުނަރުވެރި ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް ތިބި ރަށެކެވެ.