ސޫރިޔާގަ ތިބި އެމެރިކާ ސިފައިން އަނބުރާ ގެންދަނީ- އަދި އައިސިސް ބަލިކޮށް ނުލެވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ސޫރިޔާގަ ތިބި އެމެރިކާ ސިފައިން އަނބުރާ ގެންދަނީ- އަދި އައިސިސް ބަލިކޮށް ނުލެވޭ!

އެމެރިކާއިން ސޫރިޔާގައި ތިބި އެޤައުމުގެ ސިފައިން އަނބުރާ ޤައުމަށް ގެންދާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ހަމައެގޮތަށް އަފްޣާނިސްތާނުގެ ތިބި ސިފައިންވެސް ޤައުމަށް އަނބުރާ ގެންނާނެކަމަށް ޓްރަމްޕް ބުނެފިއެވެ.އަދި އެނިންމުމާއި ވިދިގެން އެއީ ރަނގަޅު ނިންމުމެއްކަމަށް ބުނެ ރަޝިޔާގެ ރައީސްވަނީ ޓްރަމްޕަށް ތަޢުރީފު ކުރައްވާފައެވެ.

ނަމަވެސް އެމެރިކާގެ ސެނެޓުން މިނިންމުންތައް މާނަކުރަނީ ތަފާތުގޮތަކަށެވެ. އެހެންވެ،މި ނިންމުންތަކާއި އެކީގައި ސެނެޓްގެ ބައެއް މެމްބަރުންގެ ނުރުހުންތެރިކަންވެސް ވަނީ ލިބެންފަށާފައެވެ. އެއީ މީގެ ސަބަބުން ޤައުމުގެ އަމާންކަމަށް ބުރޫއަރާނެކަމަށް އެމީހުންނަށް ޤަބޫލުކުރެވޭތީއެވެ.

ސޫރިޔާގައި މިނިވަންކަން ހޯދުމަށް މަސައްކަތް ކުރަމުން ދާ ކުރުދިސްތާނަށް ނިސްބަތްވާ ސޫރިއަން ޑިމޮކްރެޓިކް ފޯސް އިން ބުނަނީ އައިސިސް ސޫރިޔާގައި އަދި ބަލިނުވާކަމަށެވެ. މިމީހުން ބުނާގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ސޫރިޔާގައި އައިސިސް ބަލިވެއްޖެ ކަމަށް ނިންމާ އެތަނުގައި ތިބި އެމީހުންގެ ސިފައިން ބާލާއިފިނަމަ އަނެއްކާވެސް އައިސިސް ސޫރިޔާގެ ބިމަށް ގަދަކޮށްފާނެއެވެ.

އެމެރިކާ ސިފައިން ސޫރިޔާއިން ފާބައިފިނަމަ އަނެއްކާވެސް ދާޢިޝަށް ހިންދެމިލާފައި ޙަމަލާތައް ދިނުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމަށް މިބައިމީހުން ދެކެއެވެ. އަދި އައިސިސްގެ ނުރައްކަލުން ސަލާމަތްވެފައިވާ ތަންތަނަށް އަލުން ޙަމަލާދީ އެތަންތަނަށް އަލުން ވެރިވެގަތުމަކީވެސް އެކަށީގެންވާކަމެކެވެ.

އެމެރިކާގެ ސިފައިން ސޫރިޔާއިން ފައިބައިފިނަމަ ތުރުކީވިލާތުން ހިންގާ ޢަސްކަރީ ހަރަކާތްތަކަށްވެސް އިތުރު ކުރިއެރުމެއް ލިބި ޝަމާލް ސޫރިޔާގައި ތިބި ސުންނީ ކުރުދީންނަށް ޙަމަލަދިނުން ފަސޭހަވެސް ވެގެން ދާނެއެވެ. ހަމައެގޮތަށް ދާޢިޝްއަށްވެސް އަލުން ސަފުތައް ރުކުރުވާލާ އަނެއްކާވެސް ހުޅަނގާއި އެމެރިކާއިންނާއި ޗައިނާއިން ވަގުބާޒާރުގައި ހަތިޔާރު ވިއްކުމުގެ އިތުރު އެތަކެއް ފުރުޞަތުތަކެއް ހުޅުވި މެދުއިރުމަތީ ހުޅުގަނޑު ހައްތާ ބޮޑުވެގެންދާނެކަމަށް ބައެއް މުޙައްލިލުން ބުނެއެވެ.

މިހަފްތާގައި އެމެރިކާގެ ސިފައިން ފޭބުމާއިމެދު މަޝްވަރާކުރުމަށް ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކާއި އެކު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ޤަބޫލުކުރެވޭގޮތުގައި އެމެރިކާގެ ސިފައިން ސީރިޔާއިން ފޭބުމަށް 60 ދުވަހާއި 90 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގާނެއެވެ. އަފްޣާނިސްތާނުންނާއި ސޫރިޔާއިން އެމެރިކާގެ ސިފައިން ބާލާނެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ނިންމުމާއިވިދިގެން އެމެރިކާގެ ސެނެޓުން ގޮތެއް ނިންމުމަށް ވަރަށް އަވަހަށް ބައްދަލުވުމެއް ބާޢްވާނެކަމަށް ޚަބަރުތައް ބުނެއެވެ.

މިއަދު އޮންލައިން