ފިލިޕީންސްގެ ސަރަހައްދަކަށް ބިންހެލުމެއް އައުމާއެކު، ސުނާމީއެއް އަރާފާނެކަމުގެއިންޒާރު ދީފިއެވެ. ސުނާމީގެ އިންޒާރު ދީފައި ވަނީ ފިލިޕީންސްގެ މިންޑަނާއޯ ނަމަކަށްކިޔާ ރަށަކަށެވެ.
ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނާ ގޮތުގައި އެބިންހެލުން އެރަށަށް އައިސްފައިވަނީ ރާއްޖެގަޑިންހެނދުނު 08:30 އެހާކަންހާއިރު އެވެ. އަދި 7.2 މެގްނެޓިއުޑްގެ ބާރުގައި އައި އެ ބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާ އަދި ޕިލިޕީންސް އަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ރިޕޯޓުތައް ބުނާގޮތުން، ސުނާމީގެ އިންޒާރު ދިންތާ ވަގުތުކޮޅެއް ފަހުން، ފިލިޕީންސްގެ ދެކުނުގެ ހިސާބުތަކަށާއި އަވަށްޓެރި އިންޑޮނީޝިއާއަށް އުސްމިނުގައި ފޫޓެއްވަރުހުރި ރާޅެއް ވަނީ އަރާފައެވެ. އަދި ރާޅުތައް ބޮޑެތިވެ ބޮޑު ސުނާމީއެއް އުދެދިދާނެ ކަމަށް އެގައުމުތަކުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ސުނާމީގެ އަސަރު ރާއްޖެއަށް ކޮއްފާނެތޯ މިއަދުނޫހުން ސުވާލުކުރުމުން މެޓް އޮފީހުން ބުނީ، ސުނާމީގެ އަސަރެއް ރާއްޖެއަށް ނުފޯރާނެ ކަމަށެވެ.
މި މަހުގެ ތެރޭގައި އިންޑޮނޭޝިއާ އަށް ސުނާމީއެއް އަރާ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އިންޑޮނޭޝިއާ އަދި ފިލިޕީންސްގައި ދިރިއުޅުއްވާ ބޭފުޅުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިއްބެވުމަށް އެގައުމުތަކުގެ މޫސުމާ ބެހޭ ވުޒާރާއިން އިލްތިމާސް ކުރެއެވެ.