ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް އަންނަ މަހު ބާއްވަން ނިންމާފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
ދިވެހި ފުޓްބޯޅައިގެ މައި-އިދާރާ އިން ބުނީ މި މުބާރާތް މިއަހަރު ފެށުމަށް ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ކަމަށެވެ.
2011 ވަނަ އަހަރު 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބާއްވަންފެށި މި މުބާރާތަށް ފައިބެއަހަރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތް 19 އަހަރުން ދަށަށް ބަދަލުކުރުމާއެކު ލީގު ފޯމެޓަށް މުބާރާތް ކުރިއަށް ގެންދިއުން ހިމެނެއެވެ.
އެހެންކަމުން ލީގު ދެބުރު ކުޅުމަށް ފަހު، ފައިނަލުގައި ކުޅުނީ އެންމެ ގިނަ ޕޮއިންޓު ހޯދި ދެޓީމެވެ.
މީގެކުރިން މި މުބާރާތް އަހަރުގެ ފަހުކޮޅު ބޭއްވިނަމަވެސް މިއަހަރުގެ މުބާރާތް އަހަރުގެ ކުރީކޮޅު ބޭއްވުމަށް ނިންމާފައިވާ އިރު، މުބާރާތުގެ ކުޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ކްލަބު އީގަލްސްއެވެ. އެޓީމު ވަނީ މި މުބާރާތުގެ ތަށި މިލްކު ކޮށްފައެވެ. އެހެންނަމަވެސް އެންމެފަހުގެ މުބާރާތް ކާމިޔާބުކުރީ ކްލަބު އީގަލްސް އާވަދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިކޮށް ކްލަބު ގްރީން ސްޓްރީޓެވެ.