ޑްރަގު ޑީލަރުންނަކީ ނަފްސާނީ ބަލި ބައެއްކަމަށް ނުބަލައި ބަޑިން ފަރުވާދީ މަރަމުން ގެންދިއުމުން ފިލިޕިންސްގެ ރައީސް ދުތާތޭގެ މަޤްބޫލުކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ދުތާތޭ އާއި އެންމެ ދެކޮޅު އެމެރިކާއިންވެސް ޤަބޫލުކުރަން ފަށައިފިއެވެ.
އެމެރިކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ދުތާތޭގެ މަޤްބޫލުކަން އިތުރުވެ މިހާރު އޭނާ ވެފައިވަނީ ފިލިޕިންސްގެ ފަހުގެ ތާރީޚުގައި ވެރިކަން ކުރީ އެންމެ މަޤްބޫލު ރައީސަށް ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް ރައްޔިތުންގެ ތާއީދު ދަނީ އޭނާއަށް އިތުރުވަމުން ކަމަށެވެ.
ޑްރަގު ޑީލަރުން ފެނުމުން ވަގުތުން ބަޑިޖަހައި މަރަން ދުތާތޭ ނެރުނު އަމުރު މިހާރުވެސް ބޯޑަރު ސަރަހައްދުތަކުގައި ގެންދަނީ ތަންފީޒުކުރަމުންނެވެ. އެކަން ހުއްޓުވަން އދ ޢާއި އެމެރިކާ ފަދަ ބާރުގަދަ ފަރާތްތަކުން ކުރި އެއްވެސް މަސައްކަތެއް އަދި މިހައިތަނަށް ކާމިޔާބު ކުރެވިފައެއް ނެތެވެ.
އެއިގެ އިތުރުން ދުތާތޭ ވަނީ ފިލިޕިންސަށް ޑްރަގު އެތެރެކުރާ މީހުން މެރުމުން ކަންބޮޑުވާނަމަ އެ އެންމެން އެމެރިކާއަށް ގޮސް އެމީހުންގެ ކިބައިން ފިލިޕިންސް ސަލާމަތްކޮށްދިނުމަށް އެމެރިކާގެ ކިބައިން އެދިފައެވެ.