އިސްލާމް ދީނަކީ އެންމެހައި މީސްތަކުންނާއި ކާއިނާތުގައި ވާހައި ތަކެއްޗެއް ލައްވަވައި އިންސާނުންގެ ދިރިއުޅުމަށް ބޭނުންވާނެ ހުރިހާ ނިޢްމަތްތަކެއް ލެއްވެވި ﷲ ތަޢާލާ މީސްތަކުން އުޅެންވީގޮތް ބަޔާންކޮށް ދެއްވަވާފައިވާ ނިޒާމެވެ. އެހެންކަމުން އިސްލާމް ދީނުގައި ފުރިހަމައަށް ފައިތިލަ ސާބިތު ނުކުރާ މީހަކަށް ދިރިއުޅުމުގައި އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.
"އެނޫން މީހަކު ތިމާއަކީ ކިތަންމެ ހެޕީކޮށް ހުންނަ މީހެއް ކަމަށް ދައްކަން ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް އެމީހަކީ ބާއްޖަވެރިއެއް ނޫން. އޭނާއަކީ އަބާއްޖަވެރިއެއް. އެހެންވެ ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ތިމަން ﷲގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީން ކަމަށް. އެހެންވީމާ އިސްލާމް ދީން ނޫން އެހެން ދީނަކުން މީހަކު ކުރިއަރައިދިއުމަށް އުޅޭ މީހަކަށް އުފާވެރިކަން ނުލިބޭނެކަމާއި އެކަން ﷲ ޤަބޫލުފުޅު ނުކުރައްވަވާނެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފަ. އަދި އޭނާއަށް ވަނީ ގެއްލުމާއި ހަލާކުކަންވެސް ވަނީ ވަޙީކުރައްވަވާފަ."
ހަމަ އެއާއިއެކު ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. "—ތިމަން ރަސްކަލާނގެ ތެދުމަގަށް ތަބާ ވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެއެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނެމެއެވެ." އެހެންކަމަށްވާއިރު ﷲ ތަޢާލާ ބާއްޖަވެރިކުރައްވަވާފައިވާ މީހަކު އަބާއްޖަވެރި ކުރުވޭނީ ކާކަކަށްހެއްޔެވެ؟
ﷲ ތަޢާލާއަށް އީމާނެވެ ހެޔޮ އަމަލުކުރާނަމަ އެމީހަކަށްޓަކައި މީސްތަކުންގެ ހިތްތަކުގައި ލޯބި ލައްވަވާނެކަން އެއީ ﷲ ތަޢާލާގެ ވައުދުފުޅެކެވެ. މީސްތަކުންގެ ލޯތްބާއި ޝަރަފާއި ޤަދަރާއި މިކަންކަމަކީ އެއްވެސް މީހަކަށް ގަދަކަމުން ލިބޭ ނުވަތަ ހޯދޭނެ ކަންކަމެއް ނޫނެވެ. މިއީ ލޯބިން ލިބޭނެ ކަންކަމެވެ.
މީހާގެ އިސްލާމްކަން ފުރިހަމަވުމުން އެމީހާގެ ގުނަވަންތަކުން އެކަން ފެނިގެންދާނެއެވެ. އެފަދަ މީހާގެ ކިބައިން ﷲ ނަހީ ކުރެއްވެވި އެއްވެސް ކަމެއް ފެނިގެން ނުދާނެއެވެ. އެހެން މީހަކަށް އެއްވެސް އުނދަގުލެއް ނުކުރާނެއެވެ. ދޫރައްކައުތެރިކުރާނެއެވެ. އެވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ.
- ޝައިޚް އިލްޔާސް ދެއްވި "ބާއްޖަވެރި ޢާއިލާ" ދަރުސުން