މަންމަ ނިކަމެތި ކުރާ ޢާއިލާއެއް ބާޖަވެރިއެއް ނުވާނެ!- ދާނީ ބަނގުރޫޓުވަމުން: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
މަންމަ ނިކަމެތި ކުރާ ޢާއިލާއެއް ބާޖަވެރިއެއް ނުވާނެ!- ދާނީ ބަނގުރޫޓުވަމުން: ޝައިޚް އިލްޔާސް

މަންމަ ނިކަމެތި ކުރާ ޢާއިލާއެއް ބާޖަވެރިވެގެނެއް ނުދާނެއެވެ. ދާނީ ބަނގުރޫޓުވަމުންނެވެ. ދިވެހިރާއްޖެއަކީ ވަރީގެ ދުނިޔޭގެ ރެކޯޑް އޮތް ޤައުމެވެ. އެހެންކަމުން ﷲ ތަޢާލާ އެންމެ ރުހިވޮޑިގެން ނުގަންނަވާ އަމަލުން އަޅުގަނޑުމެންނަށް މިވަނީ ދުނިޔޭގެ ރެކޯޑް ލިބިފައެވެ. މިކަން މިހެން މެދުވެރިވެފައިވާ ނުވަތަ މެދުވެރިވަމުން އަންނަ ސަބަބަށް ވިސްނަންވާނެއެވެ. އެއިރުން ވިސްނޭނެއެވެ!

ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ވަޙީ ކުރައްވަވާފައިވަނީ މައިން ބަފައިން މުސްކުޅިވެއްޖެނަމަ އިތުރަށް ކަމޭ ހިތުމަށެވެ. އެއްވެސް މިންވަރަކަށް ހިތުގައި ނުޖެއްސުމަށެވެ. އެދެމީހުންގެ ކުރިމަތީގައު "އުއްފު"ވެސް ނުބުނުމަށެވެ. ވީމާ މިކަންކަމަށް ސަމާލުކަން ނުދީ މައިން ބަފައިންނަށް އިހާނެތިކޮށް ހިތާ އާއިލާއެއް އަބަދުވެސް ދާނީ ބަނގުރޫޓުވަމުންނެވެ.

 

އަނބިމީހާއަށް އަބަދުވެސް ޙައްޤު މަޤާމް އޮންނާނެއެވެ. ނަމަވެސް ﷲ ތައާލާ އަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ލޯބިކުރުމަށްފަހު ލޯބިކުރުމުގައި އެންމެ އިސްކަން ދޭން ޖެހޭނީ މަންމަ އަށެވެ. ދެންހުރި ކަންކަން ގެންނަން ޖެހޭނީ މައިމީހާގެ ފަހަތުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ޙަޔާތް ބާއްޖަވެރިވާނީ އެއިރުންނެވެ.

ﷲ ތަޢާލާގެ އެންގެވުންތަކަށްބަލާއިރު އަބަދުވެސް އައިސްފައި އޮންނާނީ ﷲ އަށް ކިޔަމަންތެރިވުމަށާއި ރަސޫލް (ޞޢވ)އަށް ތަބަޢަވުމަށެވެ. ނަމަވެސް ކީރިތި ޤްރްއާނުގެ 4 ތަނެއްގައި ބަޔާންވެގެންވާ 4 އާޔަތެއްގައި ވަނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމަށާއި މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެކަމުންވެސް އެނގެނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަމެވެ.

ތިމާ އެންމެ ބޮޑަށް ކަމޭ ހިތަންޖެހޭނީ ކާކަށްތޯ ރަސޫލް (ޞޢވ) އަށް ދެންނެވުމުން ވިދިވިދިގެން 3 ފަހަރު އެންމެ ބޮޑަށް ހެޔޮކޮށް ހިތަން ޖެހޭނީ މަންމައަށް ކަމަށް ޙަދީޘް ކުރެއްވެވީ ސަބަބުތަކެއް ހުރުމުންނެވެ. 9 ވަސްދެން ބަނޑުގައި ބައްވައިގެން އުފުލިވޭނާއި ވިހެއުމުގައި އުފުލި ވޭނާއި އަދި ވިހެއުމަށްފަހު އުފުލި ވޭންތައް ފަދަ އެތައް ކަމެއްގެ ސަބަބުންނެވެ.

ދުނިޔޭގެ ވެރިކަން ލިބުނު ނަމަވެސް މަންމަ ވާނީ މަންމައަށެވެ. މަންމައަށް ޙައްޤު މަޤާމް އަދާކުރަން ޖެހޭނެއެވެ. އެހެންކަމުން ބޮޑުވެ ތަޝައްރަފް ފުދުމުން ކުރާ ކަންކަމުގައިވެސް މަންމަގެ ޚިޔާލު ހޯދަންވާނެއެވެ! މަންމަގެ ހެޔޮ ދުޢާ ލިބިގަންނަންވާނެއެވެ! ކައިވެނި ކުރިނަމަވެސް މަންމައާއި މަޝްވަރާކޮށްލަން ވާނެއެވެ!

ތިބާއަށް ދުނިޔެމަތީގައި ބައިވަރު އަނބިން ލިބިދާނެއެވެ. ނަމަވެސް ބައިވަރު މަންމައެއް ނުލިބޭނެއެވެ. ލިބޭނީ އެންމެ މަންމައެކެވެ. (ހަމަ އެފަދައިން ކިތަންމެ ގިނަ ފިރިން ވެސް ހޯދިދާނެއެވެ. ލިބޭނީ ހަމަ އެންމެ މަންމައެކެވެ.) ވީމާ ބާއްޖަވެރިކަން ލިބިގަތުމަށްޓަކައި މައިންނަށް ޙައްޤު މަޤާމް ދޭން ޖެހޭނެއެވެ.

ބައަކު އޮޅުވައިލަން އޮޅުނު ނަމަވެސް އިސްލަމް ދީނުގައި އަންހެނުންނަށްވަނީ ވަރަށް މަތިވެރި މަޤާމެއް ދެވިފައެވެ. އަންހެނަކީ މައެކެވެ. އަންބެކެވެ. ދަރިއެކެވެ. މި 3 މަޤާމަކީވެސް އިސްލާމް ދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެވިފައިވާ 3 މަޤާމެވެ. މި 3 މަޤާމަކީވެސް ފިރިހެނުންނަށްވުރެ މަތިވެރި މަޤާމެވެ.

--ޝައިޚް އިލްޔާސްގެ "ބާއްޖަވެރި ޢާއިލާ" ދަރުސުން

 

މިއަދު އޮންލައިން