ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީގެ މަގާމް އުރީދޫ މޯލްޑިވްސް އަށް

އަހުމަދު
ކިޔުމަށް ހޭދަވާނީ 4މ 45ސ
ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީގެ މަގާމް އުރީދޫ މޯލްޑިވްސް އަށް

2018 ގެ ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސް އެވޯޑްސްގައި، ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސްގެ މަގާމަށް އުރީދޫ މޯލްޑިވްސް ހޮވިއިފިއެވެ.

މިކަމާގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ''ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންސްގެ ފަރާތުން ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސް އެވޯޑް ލިބުމަކީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ޝަރަފުވެރި އެވޯޑާއެކު، އިންވެސްޓަރުންނާއި ކުންފުންޏާ ދެމެދު ކުރާ މުއާމަލާތްތައް ފުރިހަމަކުރުމަށް އަޅުގަނޑުމެންގެ އިންވެސްޓަރ ރިލޭޝަންސް ޓީމު ކުރަމުންދާ އީޖާދީ މަސައްކަތްތައް ބަލައިގަނެވިފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިގޮތުން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާދާރުންގެ ފަރާތުން އަބަދުމެ ލިބެމުންދާ ހިތްވަރާއި އިތުބާރުގެ އަގުވަޒަންކޮށް، މި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން'' ކަމަށެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ގަވާއިދުގައި ވާގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު، ރާއްޖޭގައި މިހާތަނަށް ބާއްވާފައިވާ އެންމެ ކާމިޔާބު އައިޕީއޯ އަށް ފަހުގައެވެ. މިގޮތުން، އުރީދޫ މޯލްޑިވްސްގެ އައިޕީއޯގައި 14,045,260 ޙިއްޞާ، 8257 ޙިއްޞާދާރުންނަށް ވިއްކުމަށްފަހު ޖުމްލަ 421,357,800 ރުފިޔާ ހޯދާފައިވާއިރު، ވިއްކާފައިވާ ޙިއްޞާއަކީ ކުންފުނީގެ ދޫކޮށްފައިވާ ޙިއްޞާގެ %9.5 އެވެ. އައިޕީއޯގައި ރާއްޖޭގެ ގިނަ ޙިއްޞާދާރުންގެ ބައިވެރިވެފައިވާއިރު،8,257 ޙިއްޞާދާރުންގެ ތެރެއިން 6،000 ޙިއްޞާދާރުންނަކީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި އަލަށް ބައިވެރިވި ފަރާތްތައްކަމުގައި ވުމީވެސް އުރީދޫ އާއި ރާއްޖޭގެ ޙިއްޞާގެ ބާޒާރަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

މި ކުރިއެރުމާއެކު، އުރީދޫ މޯލްޑިވްސް ވެގެންދިޔައީ ރާއްޖޭގައި ލިސްޓުކުރެވިފައިވާ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުނީގެ އިތުރުން، އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުންޏަށެވެ.

އުރީދޫ މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރު، އަލްއުސްތާޛާ ދީނާ ޙުސައިން ވިދާޅުވީ ''އުރީދޫ މޯލްޑިވްސްގެ މިލްކުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލުމުގެ މަޤްޞަދުގައްޔާއި، އިންވެސްޓްމަންޓު ފަހަށް ރައްކާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އުރީދޫ މޯލްޑިވްސް އިން ޤާއިމްކޮށްފައިވާ ސްޓްރެޓަޖީ ވަނީ މި ހާއްސަ އެވޯޑު ލިބުމަށް މަގުފަހިކޮށްދީފައި. އުރީދޫ މޯލްޑިވްސްގެ މުވައްޒަފުންގެ މިންނަތް މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން، 8،000 އަށް ވުރެ ގިނަ އިންވެސްޓަރުންނާއެކު، އުރީދޫ ވެގެންދިޔައީ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓަރ ކޮށްފައިވާ އެންމެ ބޮޑު ޝެއާހޯލްޑަރ ބޭސް ހިމެނޭ ކުންފުންޏަށް. އަޅުގަނޑުމެންގެ އައިޕީއޯގެ ކާމިޔާބީ ވަނީ މި ކުންފުންޏާއި އުރީދޫ ބްރޭންޑާ މެދު ދިވެހި ރައްޔިތުންގެ ހިތުގައިވާ އިތުބާރު ދައްކުވައިދީފައި. އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް، އުރީދޫގެ ޙިއްޞާދާރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް، އަޅުގަނޑުމެން އަބަދުމެ ޝުކުރު އަދާކުރަން'' ކަމަށެވެ.

އައިޕީއޯ ތެރޭގައި ގާއިމްކޮށްފައިވާ ޚާއްސަ ޑިސްޓްރިބިއުޝަން ސްޓްރެޓެޖީގެ ތެރޭގައި އިންވެސްޓަރުންނާ ވަކިން ބައްދަލުކުރުމާއި، މާލެއާއި އަތޮޅުތަކުގެ ތެރޭގައި ރޯޑްޝޯތަކާއި ޓައުންހޯލްތައް ބޭއްވުމާއި، އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި މަތީ ތަޢުލީމު ޙާޞިލް ކުރައްވާ ކުދިންނާއި، އެހެނިހެން ރީޓެއިލް އިންވެސްޓަރުންނަށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް އުރީދޫ އިން ހުޅުވާލި ފުރުސަތުގެ ބޭނުން ހިފޭނެ ފަރާތެއްކަން ޔަގީން ކުރުމުގެ ނިޔަތާއެކު، އުރީދޫ އިން ވަނީ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ތަކުގެ އިތުރުން، އުރީދޫ ބިޒްނަސް ޕާޓްނަރު ފިހާރަތަކާއި، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ގޮފިތަކާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ގޮފިތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތައް ހިމެނޭ، ވަރަށް ފުޅާ ޑިސްޓްރިބިއުޝަން ނެޓްވަރކް އެއްވެސް ގާއިމް ކޮށްފައެވެ.

އިންވެސްޓަރ ރިލޭޝަންސްގެ ދާއިރާއިން އުރީދޫ މޯލްޑިވްސްއަށް ލިބިފައިވާ ކާމިޔާބީގެ އިތުރުން، 2018 ވަނަ އަހަރު ނިމިގެން ދިޔައީ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ވެސް މިކުންފުންޏަށް ރަންވަނަ ތަކެއް ޙާސިލްވުމާ އެކުއެވެ. މީގެ ތެރޭގައި، އެކްސެލަންސް އިން އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަން އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދަ އިޔަރ ހިމެނެއެވެ.

އުރީދޫ އިން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުން ދާނީ އީޖާދީ ހައްލުތަކާ އެކު، ކަސްޓަމަރުން، އިންވެސްޓަރުން، އަދި އެންމެހައި ސްޓޭކްހޯލްޑަރުންނަށްވެސް ފައިދާކުރާނެ ގޮތަށް ކުންފުނި ކުރިއަރުވައި، މުޖުތަމަޢުއަށް އިތުރު މަންފާ ފޯރުކޮށްދިނުމަށް ކަމަށެވެ.

 

 

މިއަދު އޮންލައިން