ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޖަޕާނަކީ ނަމޫނާ ޤައުމެއް: ޝިދާތާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޖަޕާނަކީ ނަމޫނާ ޤައުމެއް: ޝިދާތާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޖަޕާނަކީ ނަމޫނާ ޤައުމެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެންވިދާޅުވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއި ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ދެއްކެވިވާހަކަފުޅުގެ ތެރޭގައެވެ.  

މިއަދު މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނާއި، ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި، ޖަޕާނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ނަމޫނާ ޤައުމެއް ކަމަށާއި، ދިވެހިރާއްޖޭން ވެސް މި ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން ސިޔާސަތުތައް އެކަށައަޅަމުން ދާ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ ޖަޒީރާ ވަންތަ ޤައުމެއް ކަމުން، އިޖުތިމާޢީ ޚިދުމަތްތަކާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެ ކަމަށް ރިޢާޔަތްކުރަން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ މެންޑޭޓު އިތުރަށް ފުޅާވެފައިވާތީ، ތަފާތު އެކި ދާއިރާތަކުން އެހީތެރިކަން ބޭނުންވާ ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

ޖަޕާނުގެ ސަފީރުގެ ވާހަކަފުޅުގައި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް ޖަޕާނުގެ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ވިދާޅުވިއެވެ. އަދި މި ދާއިރާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން ޖަޕާނުގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

 

މިއަދު އޮންލައިން