އިހުތިރާމްކުރުމުގެ ރީތި އާދަ ދިރުވުމަށް ހިންގާ ގައުމީ މަޝްރޫއު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
އިހުތިރާމްކުރުމުގެ ރީތި އާދަ ދިރުވުމަށް ހިންގާ ގައުމީ މަޝްރޫއު ފަށައިފި

ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ ސިފަ އަލުން އާލާކޮށް ދިރުވުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ބިޔަ ގައުމީ މަޝްރޫއު މިރޭ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މާފަންނު ޓްރެކް ސަރަހައްދުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ކެމްޕެއިނާ ގުޅޭ ތަފުސީލީ ޕްރެޒެންޓޭޝަނެއް ދެއްވީ ވަޒީރު ހީނާ ވަލީދެވެ. މީގެއިތުރުން، މަޝްރޫއުގެ ތައާރަފީ ވީޑިއޯއާއި، ރަސްމީ ލޯގޯ އަދި މައި ޝިއާރުގެ އިތުރުން ހާއްސަ ތީމް ލަވަ ވަނީ އާންމުކޮށް އިފްތިތާހުކޮށްފައެވެ. ކުލަގަދަކޮށް ކުރިއަށްދިޔަ މި ހަފުލާ ނިންމާލާފައިވަނީ ހިތްގައިމު ހަވާ އެރުވުމަކާ އެކުގައެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ ހަރަކާތެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހީންނަކީ ޒަމާނުއްސުރެ އަނެކާއަށް ހިނިތުންވުމާއި އޯގާތެރިކަމާއެކު އިހުތިރާމްކުރި ބަޔަކަށް ވީނަމަވެސް، ފަހަކަށް އައިސް އައި ސިޔާސީ އޮއިވަރުގެ ސަބަބުން މި ރީތި އާދަ ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެހެންކަމުން، ގައުމަށް އަންނަ އުމްރާނީ ތަރައްގީއާ އެއްވަރަށް މީސްތަކުންގެ އަހުލާގާއި، ވިސްނުމާއި ގުޅުންތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ، އިހު އޮތް އެކުވެރިކަމާއި އިހުތިރާމްކުރުމުގެ ރޫހު އަލުން އަނބުރާ ގެނައުމަށްޓަކައި ހުރިހާ ރައްޔިތުންނާއި، ދައުލަތުގެ މުއައްސަސާތައް އަދި ސިޔާސީ ޕާޓީތަކުން ވެސް މި މަޝްރޫއުގައި އަތުގުޅާލަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ފުރިހަމަ ތަރައްގީއެއް ލިބޭނީ މިފަދަ ވަށާޖެހޭ އިޖުތިމާއީ ބަދަލުތަކެއް ގެނެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ކެމްޕެއިން ކުރިއަށްދާނީ މުޅި މުޖުތަމައު ޝާމިލުވާ ގޮތަށެވެ. އެގޮތުން އެކި ދާއިރާތަކުގެ ފަންނުވެރިންނާއި، ކުދިބޮޑު އެންމެހައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ގިނަ ހަރަކާތްތަކެއް މި މަޝްރޫއުގެ ދަށުން ހިންގުމަށް ވަނީ ރޭވިފައެވެ.

 

                   

މިއަދު އޮންލައިން