29 ވަނަ ޤައުމީ ކެރަމް މުބާރާތުގެ ޓީމް އިވެންޓުގައި ދެޖިންސުންވެސް ޗެމްޕިއަންކަން ކްލަބް ޓީނޭޖް ހޯދައިފިއެވެ.
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ކުލަބް ޓީނޭޖް ހޯދީ ހާފް ކޯޓް މޯލްޑިވްސް ބަލިކޮށްގެންނެވެ. އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން އެޓީމުން ހޯދީ އާރްސީއެލް އާވާދަކޮށްގެންނެވެ.
މި މުބާރާތުގެ އަންހެން ބައިން ޓީނޭޖުގެ އައިމިނަތު ވިދާދު ވަނީ ހާފް ކޯޓުގެ ރަޔާންގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ޓީނޭޖުގެ އައިމިނަތު ވިޝާމާ ހާފް ކޯޓުގެ އައިމިނަތު ޝުބާ އަތުން ބަލިވެފައިވާ އިރު، ތިންވަނަ މެޗުން ޓީނޭޖުގެ ނަހުފާ އާއި ލިވާ ވަނީ ހާފް ކޯޓުގެ ފާތުން އާއި ޖުމާނާ ސީދާ ދެސެޓުން ބަލިކޮށްފައެވެ.
ފިރިހެން ބައިން ޓީނޭޖުގެ ޢަލީ އާޒިމް އާއި އާދަމް އަދީލް ވަނީ އާރްއެލްސީގެ އަހުމަދު ފަލާހު އަދި އަލީ ހަސަންގެ ބަލިކޮށްފައެވެ. ޑަބަލްސް މެޗުން ޓީނޭޖުގެ މުޙައްމަދު އާމިރު އާއި އިބްރާހިމް ހުޖާން ވަނީ އާރްއެލްސީގެ ހަސަން ޝާމިން އަދި ހަސަން ލަތީފް ބަލިކޮށްފައެވެ.
މިއީ ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ކުލަބު ޓީނޭޖުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އައިމިނަތު ވިދާދު އާއި އައިމިނަތު ޝުބާ އެވެ. އަދި ފިރިހެން އިވެންޓުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އާދަމް އަދީލް އާއި އިސްމާއިލް އަޒްމީންއެވެ.
ޤައުމީ މުބާރާތުގެ ސިންގަލްސް އިވެންޓުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރެއެވެ. މިމެޗު އޮންނާނީ ކެރަމް ހޯލުގައެވެ.