މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގެ ނަމުގައި ދުވުމެއް ބާއްވަން ނިންމާ، ބައިވެރިވާން ހުޅުވާލައިފިއެވެ.
އަންނަ މާރޗު މަހުގެ 8 ވަނަ ދުވަހު ބާއްވާ މި ދުވުމުގެ އާރލީ ބާރޑް ރެޖިސްޓްރޭޝަން މި މަހުގެ 17 އިން 19އަށް ހުޅުވާލި އިރު، މިހާރުވަނީ ރެޖިސްޓްރޭޝަން ހުޅުވާލާފައެވެ.
އެތުލެޓިކްސް އެސޯސިއޭޝަން މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމުން އެޕްރޫވްކޮށްފައިވާ މި ދުވުމަކީ އައި-ރަނަރސް އާއި އޮބްޖެކްޓް އަދި ޔުނިކްސް ސްޕޯޓިންގ ގުޅިގެން ބާއްވާ ދުވުމެކެވެ.
މި ދުވުމުގައި ހިމެނޭ މެރެތަން، ހާފް މެރެތަން އަދި 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ މާރޗު 8 ވަނަ ދުވަހު އެވެ. ފުލް މެރަތަން މެންދަމު 2 ޖަހާއިރު ފެށުމަށް ތާވަލުކޮށްފައިވާ އިރު، ހާފް މެރެރަން ފަށާނީ ފަތިހު 5:30 ގައެވެ. އަދި 10 ކިލޯމީޓަރުގެ ދުވުން ފެށުމަށް ނިންމާފައިވަނީ ހެނދުނު 6:30 ގައެވެ.
އެހެންނަމަވެސް މި ދުވުމުގައި ހިމެނޭ 5 ކިލޯމީޓަރުގެ ދުވުން ފަށާނީ އެ ދުވަހުގެ ހަވީރު 16:30ގައެވެ.
މީގެ އިތުރުން މި ހަރަކާތުގައި ޢާއިލީ ތިން އިވެންޓަކާއި ނިމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ މާރޗު 9 ވަނަ ދުވަހުއެވެ.
އެގޮތުން ސީނިއަރސް ޕަވަރ ވޯކްގެ ނަމުގައި ޢުމުރުން ދުވަސްވީ މީހުންގެ ހިނގުމާއި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ކިޑްސްމައިލް 3.2 ކިލޯމީޓަރު، 1.6 ކިލޯމީޓަރު އަދި 800 މީޓަރު ދުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެއަށް ފަހު ފިނިޝަރ ޕާޓީ އާއި އެވޯޑިންގ ރަސްމިއްޔާ ފަށާނީ އެ ދުވަހު ހަވީރު 17:00ގައެވެ.
މި ދުވުމުގައި ރެޖިސްޓްރީވުމަށް runmaldives.com އަށް ވަޑައިގެންނެވުން އެދެމެވެ.
ރިކްރިއޭޝަނަލް ދުވުންތެރިން ތަމްރީންކުރުމުގައި ފާހަގަކުރެވޭ އައި-ރަނަރސް އިން އަންނަނީ އައްޑޫ ސިޓީ އާއި ލ. އަތޮޅުގައިވެސް ދުވުމުގެ އިވެންޓްތައް ބާއްވަމުންނެވެ. އަދި މިއަހަރު ރާއްޖޭގެ އެހެން ބައެއް ސަރަޙައްދުތަކުގައިވެސް ދުވުން ބޭއްވުމަށް ވަނީ ނިންމާފައެވެ.