ދުބާއީ މެރަތަންގައި ޝިފާޒު ރާއްޖޭގެ ޤައުމީ ރެކޯޑް މުގުރާލާ، 30 އަހަރުން ދަށުގެ ކެޓަގަރީން އެއްވަނަ ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 20ސ
ދުބާއީ މެރަތަންގައި ޝިފާޒު ރާއްޖޭގެ ޤައުމީ ރެކޯޑް މުގުރާލާ، 30 އަހަރުން ދަށުގެ ކެޓަގަރީން އެއްވަނަ ހޯދައިފި

ދުބާއީ މެރަތަންގައި ޝިފާޒު ރާއްޖޭގެ ޤައުމީ ރެކޯޑް މުގުރާލާ، 30 އަހަރުން ދަށުގެ ކެޓަގަރީން އެއްވަނަ ހޯދައިފިއެވެ.

އޭނާ މި ރެކޯޑު މުގުރާލީ މިއަދު ދުވި ދުބާއީ މެރަތަންގައި 2 ގަޑި 32 މިނެޓް 56 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ އޭނާގެ ކެރިއަރުގައި މި ރެކޯޑު މުގުރާލި ނުވަތަ އާކުރި 4 ވަނަ ފަހަރެވެ.

މި ރެކޯޑާއެކު އޭނާ ވަނީ ފިރިހެނުންގެ 30 އަހަރުން ދަށުގެ ކެޓަގަރީން އެއްވަނަވެސް ހޯދާފައެވެ. މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓުގައި އަދި ދުބާއީފަދަ ހޫނު މާހައުލެއްގައި ދުވެ، މެރަތަން ރޭހުގެ 21 ވަނަ އަދި ޢުމުރުފުރާއިން 1 ވަނަ ހޯދުމަކީ ފަޚުރުވެރިވުން ޙައްޤު ކާމިޔާބީއެކެވެ.

ޝިފާޒުގެ މި ރެކޯޑަކީ މިދިޔަ އަހަރުގެ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި އޭނާ ދުވެފައިވާ 2 ގަޑި 35:17 މިނެޓަށްވުރެ، 2:24 މިނެޓުގެ ކުރިއެރުމެކެވެ.

ދިގު ދުވުންތަކުގައި ދުނިޔޭގެ ފެންވަރުގައި ރަން ވަނަތަކެއް ހޯދާ ކެންޔާގައި ތަމްރީން ހަދަމުން އަންނަ ޝިފާޒު މިއަހަރަށް ވަނީ ތިން އަމާޒެއް ކަނޑައަޅާފައެވެ.

އެގޮތުން ފުރަތަމަ އަމާޒަށް މިއަދު ވާޞިލުވި އިރު، އަނެއް ދެ އަމާޒަކީ މި އަހަރުގެ ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފުރުސަތު ލިބިއްޖެ ނަމަ ހާފް މެރެތަން އިވެންޓުން ރާއްޖެއަށް މެޑެއްޔެއް ހޯދައިދިނުމާއި އެ އިވެންޓުން ޤައުމީ ރެކޯޑް އާކުރުމެވެ.

އެކަމަށް ތަމްރީނުގެ ފުރުސަތުތައް އެތުލެޓިކްސް އެސޯސިއޭޝަނުން ފޯރުކޮށްދޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވެއެވެ. ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ ދާދި ފަހުން ޝިފާޒަށް ފޯނުން ގުޅުއްވައި، އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު އޮންލައިން