ސިކުނޑީގައި އުނިކަމެއް ހުރި، އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން މީހާގެ އަމަލުތައް ބަލައި ނުގަންނާނެ ކަމަށާއި އެމީހާއާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ މާހެރަ ކެފޭގައި މިކަން ކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އުމުރުން ދުވަސްވީ އެމީހާއަށް ހަމަލާދޭ މީހާއަށް ގިނަ މީހުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.
މިކަމާއި ގުޅޭ ގޮތުން ޖެންޑާ މިނިސްޓަރ ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަނީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އުމުރުން ދުވަސްވީ އެމީހާއާއި ދޭތެރޭ ހިންގީ އަނިޔާވެރި އަމަލެއް ކަމަށެވެ.
"މިއަމަލު ހިންގި ފަރާތާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި މަސައްކަތް ކުރަމުން ގެންދާނަން" ޝިދާތާ ވިދާޅުވިއެވެ.
ހަމަލާދިން ފަރާތާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ޖެންޑާ މިނިސްޓަރ ވިދާޅުވެފައިވާއިރު، އެކަން ބަލައިދިނުމަށް އެދި މީހަކު ޓްވިޓާގައި (ފުލުހުން ޓެގްކޮށްފައި) އެދުމުން، ފުލުހުންގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.