ފަހަކަށް އައިސް ގިނަ އަދަދެއްގެ މަރުތަކާއި ހިތާމަވެރި ހާދިސާތަކެއް ރާއްޖެގައި ހިނގާފައިވާތީ އެކަމާއި ގުޅޭގޮތުން އުފެދުނު ކަންބޮޑުވުންތައް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ހިއްސާ ކުރައްވައިފިއެވެ.
ޝައިޚް އިމްރާން އާއެކު ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ ޝިދާތާ ވިދާޅުވީ ފާއިތުވި މުއްދަތުގެ ތެރޭގައި އެބަވަތުގެ ގިނަ ހާދިސާތައް ހިނގާފައިވާ ކަމަށާއި އަދި މިފަދަ ބައެއް ހާދިސާ ތަކުގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭ ކަމަށެވެ.
މިނިސްޓަރ ގެ މިބައްދަލުވުމާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ، ޚާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެމިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ އެންމެ އިސް އެއް ވާޖިބުކަން ޝިދާތާ ފާހަގަ ކުރެއްވި ކަމަށާއި އެފަދަ މައްސަލަތައް ތަޙުގީގުކޮށް އިންސާފު ލިބިގެން ދިޔުމަކީ ވެސް އެމިނިސްޓްރީގެ މަސްލަޙަތުގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ.
ޖެންޑާ މިނިސްޓްރީގެ ކަންބޮޑުވުންތަކަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އިމްރާން ދެއްވި ކަމަށާއި އަދި ކުރިމަގުގައި އެފަދަ ހާދިސާތައް މަދު ކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ދެ މިނިސްޓަރުން ޚިޔާލު ބަދަލު ކޮށްފައިވާ ކަމަށް ވެސް ޖެންޑާއިން ބުނެފައިވެއެވެ.