ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ފުޅާ ދާއިރާއެއްގައިދޭ އެއް ކުންފުނި ކަމަށްވާ އުރީދޫއިން، އެކުންފުނީގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ލިބުން ފައިސާއިން، 88 ޕަސެންޓް ހިއްސާދާރުންނަށް ބެހުމަށް ނިންމައިފި އެވެ.
އެގޮތުން އުރީދޫގެ ބޯޑު ބައްދަލުވުމުގައި މިއަދު ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 3.22ރ. ބަހަން ނިންމައިފަ އެވެ. އަދި ބޯޑުގެ މިލަފާގެ މަތިން، ހިއްސާގެ ފައިދާގެ ގޮތުގައި މި މިންވަރު ހިއްސާދާރުންނަށް ބެހުމަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އުރީދޫއިން ބުނިގޮތުގައި، އެކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ އާއި ޖަލްސާއާ ގުޅޭ ލިޔުންތައް އަންނަ ފެބްރުއަރީ މަހުގެ 15 ގެ ނިޔަލަށް ވެބްސައިޓުގައި ޝާއިއުކުރާނެއެވެ.
މިދިޔަ އަހަރު އެކުންފުނީގެ ފައިދާގެ ގޮތުގައި ލިބުން ފައިސާއިން 85 ޕަސެންޓް ހިއްސާދާރުންނަށް ބަހާފައިވެ އެވެ.
އެފަހަރު ހިއްސާއަކަށް 3.20ރ. ފައިދާގެ ގޮތުގައި ބެހި އެވެ. އެހެން ކަމުން އުރީދޫން މި އަހަރު ވަނީ ދެ ލާރި އިތުރަށް ހިއްސާ ދާރުންނަށް ބެހުމަށް ނިންމައިފަ އެވެ.