ރާއްޖޭގައި ތިބި ފަޤީރުންނާއި އެކަނިވެރިންގެ ހާލަތު ދެނެގަންނަން ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް ޖެންޑަރ މިނިސްޓއރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ފަޤީރުން ތިބޭ ސަރަހައްދުގައި ހުންނަވައިގެން ޝިދާތާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގަ އާއި އެ މިނިސްޓްރީގައިވެސް މައުލޫމާތުތަކެއް އެބަހުރި ކަމަށާއި ނަމަވެސް މުޅި ރާއްޖޭގެ ޙާލަތު އެނގޭނެ ގޮތެއް އަދި ނެތް ކަމަށެވެ. ނޭޝަނަލް ޕްލޭނިންގ މިނިސްޓްރީން މިހާރު ހުރުމުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ޝިދާތާ ވިދާޅުވީ މިކަންކަން ބަލައި ޙާލަތު ދެނެގަތުމަށް މިހާރުވެސް 150 ވަރަކަށް ރަށުގައި ކޮމިޓީތައް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ހަމަ އެޢާއިއެކު އެކަނި އުޅޭތާ 15 ވަރަކަށް އަހަރުވެފައިވާ މީހުންގެ މައްސަލަތައް މިހާރު ހުށަހެޅެމުން ދަނީ މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ އުންމީދު އޮތުމުން ކަމަށެވެ.
މިސްރުކާރުން މުޅި ރާއްޖޭގެ ޙާލަތު ދެނެގަނެ ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.