މާލޭ ދަތުރުވެރިންގެ މާރުކޭޓް ސަރަހައްދުގައި ތިބޭ ފަޤީރުންގެ ޙާލަތު ދެނެގަންނަން ޖެންޑަރ މިނިސްޓްރީން މިއަދު މަސައްކަތް ކޮށްފިއެވެ.
ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މިނިސްޓްރީން މިއަދު ބެލިބެލުމުން ވަރަށް ގިނަ ކަންތައްތަކެއް އެނގުނު ކަމަށެވެ. "2 އަންހެނަކު ބުނީ ވެމްކޯއިން ވަޒީފާއެއް ލިބުނު ނަމަވެސް އެތަނުގައި ނުތިބޭނެ ކަމަށް. ބައެއް މީހުން ތިބެނީ ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރާނެ ފައިސާ ހޯދަން. އައިޑީ ކާޑު ނެތިގެން އާސަންދަ ނުލިބޭ މީހުންވެސް އެބަތިބި."
މީޑިއާ އޮފިޝަލް ވިދާޅުވީ މިނޫންވެސް ބައެއް މައްސަލަތައް ފާހަގަކުރެވުނު ކަމަށާއި އެކަންކަމުގެ ތެރެއިން ހައްލުކޮށްދެވެން ހުރި ކަންކަން ޙައްލުކޮށްދިނުމަށް އެމިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށެވެ.
އެ ސަރަހައްދުގައި ޢާންމުކޮށް ތިބެނީ އެއް ބައެކެވެ. ޢާންމުކޮށް ތިބެނީ 20، 30 ވަރަކަށް މީހުންނެވެ. އެމީޙުންގެ ކިބައިން ފެންނަ ރަނގަޅު ކަމެއްވެސް އޮވެއެވެ. އެއީ މީހުންގެ ކިބައިން ފައިސާ ހޯދަން މަސައްކަތް ނުކޮށް، މީހުން ހިތް ހެޔޮކަމާއިއެކު ދޭ އެއްޗެއްގެ ބޭނުންކުރާ ކަމެވެ.