އުރީދޫ އަދި ސްވިމް މޯލްޑިވްސް ގުޅިގެން ކުޑަކުދިންނަށް ރައްކާތެރިކަމާއިއެކު ފަތަން ދަސްކޮށްދީ، ނުރައްކާތެރި ހާލަތެއްގައި ކަންކުރަންވާ ގޮތް އުނގަންނައިދިނުމަށް، "ފަތާލަމާ" ގެ ނަމުގައި ސްވިމިންގ ކޭމްޕެއް ތަޢާރަފް ކޮށްފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވިގެންދާނެ މި ތަމްރީނު ޕްރޮގްރާމް ތަކުގައި، ވާދަވެރިކޮށް ފެތުމުގެ އުކުޅުތައްވެސް ދައްކުވައިދީ، ފެތުމުގެ ދާއިރާއަށް ނުކުތުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.
ސްވިމް މޯލްޑިވްސް އިން ބ އަތޮޅުގައި ކުރިއަށްގެންދަމުންދާ "ބާ ކްރޯލް" ގެ އިފްތިތާޙީ ހަރަކާތުގައި، މިއަދު ހެނދުނު ފަތާލަމާ ސްވިމިންގ ކޭމްޕް ތައާރަފް ކޮށްދީފައިވަނީ މިނިސްޓަރ އޮފް ޓުއަރިޒަމް އޮނަރަބަލް އަލީ ވަހީދު އާއި އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު އަދި ސްވިމް މޯލްޑިވްސްގެ ފައުންޑަރ ހުސެން ޝަމީމް އެވެ.
އުރީދޫ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ކޭމްޕުތައް ބޭއްވިގެންދާނީ ފެބްރުއަރީގެ ފުރަތަމަ ހަފްތާ ތެރޭގައި ބ އަތޮޅުގެ ހަތް ރަށެއްގައެވެ. އޭގެތެރޭގައި އޭދަފުށި، ދަރަވަންދޫ، ދޮންފަނު، ކިހާދޫ، ކުޑަރިކިލު އަދި ކެންދޫ ހިމެނެއެވެ. އަދި ކުރިއަތް އޮތް އަހަރު ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި ވެސް މިކޭމްޕުތައް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.
"އަޅުގަނޑުމެންގެ ރަށްތައް ވަށައިގެން ވަނީ ކަނޑު ކަމަށްވާއިރު، ދިވެހި ކުދިންނަށް ރަނގަޅަށް ފަތަން އެނގުމަކީ ވަރަށްވެސް މުހިއްމުކަމެއް. ހަމައެހެންމެ، ފެތުމުގެ މައިދާނުގައި ވާދަކުރަން ބޭނުންވާ ކުދިންނަށް ހިއްވަރުދީ، އެކުދިންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް މަގުފަހިކޮށްދޭން ޖެހޭ. ފަތާލަމާ ޕްރޮގްރާމް ތައާރަފްކޮށް، ރާއްޖޭގެ ތަޖުރިބާކާރު ފެތުމުގެ ކޯޗުންގެ ހުނަރުތައް ކުރިއަށްއޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމަކީ، މި ޕްރޮގްރާމްތަކުގެ އެންމެ މުހިއްމު މަޤްޞަދު." އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު ވިދާޅުވިއެވެ.