ހޮޅުދޫގައި ބީޑަބުލިޔުއެފް ލެވެލް 1 ބެޑްމިންޓަން ކޯޗިންގ ކޯހެއް އަންނަ މަހު ފަށަން ނިންމައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މި ކޯސް އޮންނާނީ އަންނަ މާރޗް މަހުގެ 3 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މިއީ ބެޑްމިންޓަން އޭޝިޔާ އާއި އެއެސޯސިއޭޝަންއާ ގުޅިގެން ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.
މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ވަނަވަރު އެއެސޯސިއޭޝަނަށް ހުށަހަޅަން ޖެހެއެވެ. އަދި ކޯހަށް މީހުން ނެގުމުގައި ބަލާނީ ބެޑްމިންޓަންގެ ތަޖުރިބާހުރި އަދި ކުޅިވަރުގެ ރޮނގުން ޚިދުމަތް ކުރަމުންދާ ފަރާތްތަކަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުންޏެވެ.
މިކޯހަށް އަތޮޅުތެރެއިން ކުރިމަތިލާ ފަރާތްތަކަށް އިސްކަންދިނުމަށް ނިންމާފައިވާ އިރު، އިތުރު މަޢުލޫމާތު ހޯދުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 16:00އަށް އެއެސޯސިއޭޝަންގެ ފޯން ނަމްބަރު (3314057) އަށް ގުޅުއްވުމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން އެދެއެވެ.