އުމުރުން ދުވަސްވީ މީހުންނަށް ބަސްބުނުމުގެ އިޚްތިޔާރު ހޯދައިދިނުމަށް ބާރުއަޅާނަން: މިނިސްޓަރ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
އުމުރުން ދުވަސްވީ މީހުންނަށް ބަސްބުނުމުގެ އިޚްތިޔާރު ހޯދައިދިނުމަށް ބާރުއަޅާނަން: މިނިސްޓަރ

އުމުރުން ދުވަސްވީ މީހުންނާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުން ބަދަލުކޮށް، ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި ބަސްބުނުމުގެ އިޚްތިޔާރު އެ ފަރާތްތަކަށް ހޯދައިދިނުމަށް ބާރުއަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.  

2019ވަނަ އަހަރަށް ރަންވޭލާ ކެމްޕޭން ފައްޓަވައި ދެއްވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ ކޮންފަރެންސް ހޯލްގައި އިންތިޒާމުކުރެވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 70އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު މިނިސްޓްރީއަށް ހުށަހެޅުނު ކަމަށެވެ. 

މިއީ ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި ނިސްބަތުން ބޮޑު އަދަދެއްކަން ފާހަގަކުރައްވައި، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލާނެ ފަރާތެއްނެތި، އިހުމާލުވުމުގެ މައްސަލަތައް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި ރިކޯޑު ނުކުރެވޭ ގިނަ މައްސަލަތައް މުޖުތަމަޢުގައި ހުންނާނެ ކަމަށާއި، އުމުރުން ދުވަސްވީ ބައެއް މީހުން ދުނިޔެ ދޫކޮށް ދަނީ އެ ހިތްދަތި ކަމުގައި ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. 

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ދިވެހިންނަކީ ޒަމާނުއްސުރެ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ގަދަރަކާއި ލޯތްބެއް ބެހެއްޓި ބައެއް ކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން އެ ފަރާތްތައް ވެފައިވަނީ ޢާއިލާގެ ތެރޭގައި މުހިންމު ބައެއް ގޮތުގައި ކަމަށާއި، އެހެން ކަމުން މިއަދު ވެސް އެ ނަމޫނާ ދެއްކެވުމަށް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ. އަދި އެ ގުޅުން އެ ގޮތުގައި ހިފަހައްޓައި، ދެން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި މިނިސްޓްރީއާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި ސޮއިކުރެވިފައިވެއެވެ.

މިއަދު އޮންލައިން