އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިވެހިންގެ ޑިޖިޓަލް ޙަޔާތަށް ފަސޭހަކަމާއި ފައިދާ ލިއްބައިދިނުމަށް އުރީދޫ "އެވީ" އާއި "މޫލީ" މިއަދު ވަނީ ތަޢާރަފްކޮށްފައެވެ.
މި ދެ އެޕްލިކޭޝަން ވެސް އަދި ރަސްމީކޮށް ފަށާފައި ނުވި ނަމަވެސް. އުރީދޫ މޯލްޑިވްސް ގެ ސީއީއޯ ނަޖީބް ޚާން ވަނީ ސްޕެއިންގެ ބާސެލޯނާގައި މިވަގުތު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސް ނުވަތަ އެމް.ޑަބްލިއު.ސީ ބާސެލޯނާ 2019 ގައި ދައްކާލަފައެވެ.
"އެވީ" އާއި "މޫލީ" އާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އުރީދޫގެ ޑިރެކްޓާރ އޮފް ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ޙުސެއިން ނިޔާޒް ވިދާޅުވީ، "އެވީ" އަކީ 929 ފަދައިން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހަދާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން "ސިރީ" އާއި "އެލެކްސާ" ފަދައިން "އެވީ" ގާތު ވެސް އެއްޗެއް އެހުމުން (މިސާލަކަށް ބިލްގެ އެމައުންޓު އަހާލުމުން) "އެވީ" ޖަވާބު ދޭނެ ކަމަށެވެ.
"މޫލީ" އަކީ އޮންލައިންކޮށް އެއްޗެހި ވިއްކާ ފަރާތްތަކަށް ލުއިފަސޭހަ ވާނެ ފަދައިން ފަރުމާ ކޮށްފައިވާ ޕްރޮގްރާމެއް ކަމަށް އުރީދޫއިން ބުނެފައިވެއެވެ. އެގޮތުން އުރީދޫ "މޫލީ" އިން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ އުރީދޫގެ ޕްރޮޑަކްޓްތައް ކަމަށާއި ނަމަވެސް ހަ ވަރަކަށް މަސް ފަހުން އިތުރު އެހެން ފަރާތްތަކާއި، އޮންލައިންކޮށް ތަކެތި ވިއްކާ ފަރާތްތަކަށް ވެސް "މޫލީ" މެދުވެރިކޮށް ތަކެތި ވިއްކޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެސް "މޫލީ" މެދުވެރިކޮށް ގަންނަ މުދާތައް އުރީދޫގެ ފަރާތުން ޑެލިވަރ ކޮށްދޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އުރީދޫ "އެވީ" އާއި "މޫލީ" ރަސްމީކޮށް ރާއްޖޭގައި ތަޢާރަފް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ މާރޗް މަހުގެ ތެރޭގައެވެ.