"އެއްވެސް ނުބައިކަމެއް ކުރުމަށްފަހު އެއީ އިރާދަކުރެއްވިގޮތް ކަމަކަށް ނުބުނެވޭނެއެވެ. އެހެނީ އެ ނުބައިކަން ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ދެއްވަވާފައިވާތީއެވެ. އަދި އެކަން މީސްތަކުންނަށް އަންގަވާފައިވެސް ވާތީއެވެ." ޝައިޚް އިލަޔާސް
އެކްސިޑެންޓް ކުރީ ޤަވާއިދާއި ޚިލާފަށް ދުއްވައިގެން ކަމަށްވާނަމަ އެއީ ﷲ ތަޢާލާގެ އިރާދަފުޅުން މެދުވެރިވި ކަމެއް ކަމަށް ބުނުމަކީ އެކްސިޑެންޓް ކުރި މީހާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އަނިޔާ ލިބުނު މީހާއަށް އެކަން ވާނީ އިރާދަކުރެއްވެވި ކަމަކަށެވެ. އެހެނީ އެކަން މެދުވެރިވީ އޭނާގެ ކުށަކުން ކަމަށް ނުވާތީއެވެ! އެކަމުގައި އޭނާގެ އެއްވެސް އިޚްތިޔާރެއް ނެތުމުންނެވެ.
މިކަމުގެ ހެކިވެސް ޝައިޚް އިލްޔާސް ވަނީ ދައްކަވައިފައެވެ. "ވީމާ ތިމާއަށް ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ދެއްވަވާފައިވާ އެއްވެސް ކަމެއް ކުރުމަށްފަހު އިރާދަފުޅާއި ހަވާލުކުރުމުގެ ހައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެކަމުގެ ދަލީލަކީ އެމީހާ އެ އަމަލުކުރާނެކަމަށް ﷲ ތަޢާލާ ލިޔުއްވަވާފައިވާކަން އެއްވެސް މީހަކަށް ނުއެނގޭނެތީއެވެ. ލިޔުއްވަވާފައި ވަނިކޮށް ފެނިފައި ނުވާނެތީއެވެ. ވީއިރު ތިމާ މިވެނިކަމެއް ކުރީ ﷲ ތިމާ އެކަން ކުރަން ލިޔުއްވަވާފައިވާތީ ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟" ހަމަ އެއާއިއެކު ޝައިޚް އިލްޔާސް ވަނީ ވަރަށް މުހިންމު ސުވާލެއްވެސް އުފައްދަވައިފައެވެ.
"މީހުންގެ ގައަށް ވަޅިހަރައި އަނިޔާކުރުމަށްފަހު އެއީ އިރާދަފުޅުން މެދުވެރިވި ކަމެއް ކަމަށް ބުނާ މީހުން އެބުނަނީވެސް ކަނޑައެޅިގެން ދޮގެކެވެ. އެއީ ބުނެވިގެންވާނެ ބަހެއް ނޫނެވެ. އެހެނީ އެމީހާ މިވެނި މީހެއްގެ ގައަށް ވަޅިހަރާނެކަން މިންވަރުފުޅުގައިވާކަން އޭނާއަށް އެނގުނީ ކިހިނެއްޔެވެ؟ ނުހެރުމުގެ އިޚްތިޔާރާއި ހެރުމުގެ އިޚްތިޔާރު ދެއްވެވުމުން ހެރުމުގެ އިޚްތިޔާރުގެ ބޭނުން ހިފައި ހެރީ ނޫންހެއްޔެވެ؟ އެހެން ބުނާ މީހާގެ ގައަށް ވަޅި ހެރުމުން އެއީ އިރާދަކުރެއްވި ގޮތް ކަމަށް ބުނުމުން ޤަބޫލެއް ނުކުރާނެއެވެ. ވީއިރު ވަޅި ހެރުން ފަދަ އަމަލުތައް ކުރުމަށްފަހު އިރާދަފުޅާއި ހަވާލުކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ!"
މީހުންގެ ގައިގައި ނުވަތަ އެހެން މީހުން ދުއްވާ ވެހިކަލްތަކުގައި އަނިޔާކުރަނީ، މީހުން މަރަނީ ޤަވާއިދާއި ޚިލާފަށް ދުއްވާފައި ގޮސް ކަމަށްވުމުން އެއީ އިރާދަކުރެއްވެވި ގޮތް ކަމަށް ބުނާ މީހަކަށް އެހެން މީހަކު އެފަދަ އަނިޔާއެއް ދިނުމުން އެއީ ހަމަ އިރާދަފުޅުން ހިނގި ކަމެއް ކަމަށް ޤަބޫލުކޮށް ނިންމައިލާނެ ހެއްޔެވެ؟ އެގޮތަށް ނިންމައިލާނެ ވަރުގެ ތަޤްވާވެރިއަކު އެހެން މީޙަކަށް އަނިޔާލިބޭގޮތަށް ކަންކަން ކުރާނެ ހެއްޔެވެ؟
މިއީ މިކަމުގައި މިއަދުނޫހުގައި ކުރިންވެސް ކުރަމުން އައި ވަކާލާތެވެ! އެވަކާލާތުތަކަކީ ޙައްޤު ވަކާލާތުތަކެއްކަން ޝައިޚް އިލްޔާސް ހުސައިން، އިސްލާމީ މަރުކަޒުގައި ރޭ ދެއްވި ދަރުސުން މިވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައެވެ.
މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިވަނީ ހެލްމެޓް އަޅަން ޖެހިފައެވެ. ހެލްމެޓެއް އެޅުމަކީ އެކްސިޑެންޓް މަދު ކުރެވޭނެ ސަބަބެއް ނޫނެވެ. ހަމަ އެކަނި ވާނެ ކަމަކީ ބޮލަށް ލިބޭ އަނިޔާ ކުޑަވުމެވެ. އެކްސިޑެންޓްތައް މަދުކުރެވޭނީ ކުށްކުރާ މީހާއަށް ނުބަލައި ކުށްކުރާ އެންމެންނާއިމެދުވެސް ފިޔަވަޅު އަޅައި އެހެން މީހުންގެ މުދަލަށާއި (ވެހިކަލް ފަދަ) ހަށިގަނޑަށް އަނިޔާކޮށް ފުރާނައަށް ގެއްލުން ދިނުމަކީ ޖިނާޢީ ކުށަކަށް ހަދައި އެކަމަށް އަމަލުކޮށް އަދަބުދީގެންނެވެ.
އިސްލާމް ދީނުގައިވެސް އެކަން އޮތީ އެގޮތަށެވެ. އެމީހަކު ކުރި ކަމެއްގެ ފުރިހަމަ ޒިންމާ އުފުލަން އެމީހަކަށް އުފުލަން ޖެހޭނެ ގޮތަށެވެ. ބަޤަރާ ސޫރަތުގެ ފަހު އާޔަތުން އެކްނެ އެނގިގެންދެއެވެ.