އިންޑިއާގެ އާ ސަފީރު ސަންޖޭ ސުދީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އިންޑިއާގެ އާ ސަފީރު ސަންޖޭ ސުދީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ސަންޖޭ ސުދީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އިންޑިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ. 

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުން އިންޑިއާއަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މަޝްރަހުގައްޔާއި ސަރަހައްދީ ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިންޑިއާ ސަރުކާރުންވެސް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވަނީ ދެޤައުމުގެ ޚިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.
 

މިއަދު އޮންލައިން