ރާއްޖޭން ބޭރުން މާލެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ތިން މީހަކު މާލެ އެއަރޕޯޓުން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 29ސ
ރާއްޖޭން ބޭރުން މާލެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ތިން މީހަކު މާލެ އެއަރޕޯޓުން ހައްޔަރުކޮށްފި

 ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި، ރާއްޖޭން ބޭރުން މާލެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު އެއަރޕޯޓުން ހައްޔަރުކޮށްފިއެވެ.

މި ދެއޮޕަރޭޝަންގައި ހައްޔަރުކުރީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

އެގޮތުން މާރިޗް 04 ވަނަ ދުވަހުގެ 08:15 ހާއިރު ރާއްޖޭން ބޭރުން އައި ފުލައިޓަކުން އައި 29 އަހަރުގެ މީހާ ގެނައި ފޮށިގަނޑެއް ކަސްޓަމުން ޗެކުކުރިއިރު މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އަދި މިމައްސަލައިގައި އިތުރު ދިވެއްސަކު ޝާމިލްވާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މާރިޗު 04 ވަނަ ދުވަހު ހިންގި އިތުރު އޮޕަރޭޝަނެއްގައި، 30 އަހަރުގެ މީހަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ވަނީ ހައްޔަރުކޮށްފައެެވެ.

މީގެއިތުރުން މާރިޗް 04 ވަނަ ދުވަހުގެ 17:25 ހާއިރު ރާއްޖޭން ބޭރުން އައި ފުލައިޓަކުން އައި 26 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފަވެއެވެ.

މިމީހާ ހައްޔަރުކުރީ މިމީހާގެ ލަގެޖް ކަސްޓަމުން ސްކޭންކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅި ފެނުމާއި ގުޅިގެންނެވެ.

މި ދެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތްދުވަހުގެ މުއްދަތެއް 29 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާއަށްވަނީ ދީފައިވެއެވެ. އަދި 26 އަހަރުގެ ބިދޭސީމީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

 

މިއަދު އޮންލައިން