ޕޮލިސް ރިފޯމް މަސައްކަތުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އެފަރާތްތަކުގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސްޓްރެޓެޖިކް ޕްލޭން ޑިވެލޮޕްމެންޓް ފޯރަމް ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ކުރިއަށް ގެންދިޔަ މިފޯރަމް ފައްޓަވައިދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި މަސައްކަތްކުރާ ޖަމްއިއްޔާ ތަކުގެ މެންބަރުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މިއަދު ބޭއްވި މި ފޯރަމްގައި، ފުލުހުންގެ މަސައްކަތްތަކާއި މެދު އެފަރާތްތަކުގެ އުންމީދުތަކާއި ގުޅޭގޮތުން ޚިޔާލު ހޯދައި މަޝްވަރާ ކޮށްފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި ފުލުހުންގެ ފަރާތުން ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މިފޯރަމްގައި، އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި މަސައްކަތްކުރާ ޖަމްއިއްޔާ ތަކުގެ މެންބަރުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.