ބޭންކުތަކުން ނާއި އިދާރާތަކުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޮމްޕެނީ (އެމްއެމްޕީއާރްސީ) މައުލޫމާތު ދޭން ދެކޮޅުހެދި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީ އިން މިހެން ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭގޮތުން ކަންކަން ސާފުކުރުމަށް އޭސީސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މިއަދު ހާޒިރުކުރުމުން މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބުދެއްވަމުންނެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެމްއެމްޕާއާރްސީގެ ތަހުގީގު ކުރިއަށް ގެންދިޔައިރު އާއްމު ފަރުދުންނަށް ވުރެ ވެސް ބޮޑަށް ބޭންކުތަކުންނާއި އިދާރާތަކުން މައުލޫމާތު ދޭން ދެކޮޅު ހެދިކަމަށެވެ. މީގެއިތުރުން ފުލުހުންގެ އަތުގައި ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅުންހުރި ބައެއް މައުލޫމާތުތަށް ހުރި ކަމަށާއި އެ މައުލޫމާތުތަށް ހޯދަން ވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭސީސީން އަމަލުކުރި ގޮތުގެ އިތުރުން ފާއިތުވި ފަސް ވަރަކަށް އަހަރު ސަރުކާރުގެ އެކި ވެރިންގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތައް އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ކޮށްފައި ނުވާކަމުގެ ތުހުމަތު ވެސް އޭސީސީގެ މެންބަރުންގެ މައްޗަށް ވަނީ ކުރެވިފައެވެ.
އޭސީސީގެ ރައީސްގެ މަނީލޯންޑަރިން މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، އޭސީސީއިންވަނީ ދާދިފަހުން އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްޗަށް އެކުލަވާލި ތަޙްޤީޤީ ރިޕޯޓް އާއްމުކޮށްފައެވެ.