ފުލުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ލިޓްލް ޖެމްސް ޕްރީ ސްކޫލްގެ ދަރިވަރުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޒިޔާރަތްކޮށްފިއެވެ.
އިއްޔެ ހެނދުނު 08:15ން 12:00ށް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ކުރި މިޒިޔާރަތުގައި ބައިވެރިވި ދަރިވަރުންނަށް ފުލުހުން ގެ ކޮމިއުނިކޭޝަން ސެންޓަރު ދައްކައިލައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި އެތަނުގައި ބޭނުންކުރާ ތަކެއްޗާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ. އަދި ޖުމްހޫރީ މައިދާނުގައި ހުންނަ ބޮޑު ދިދައާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ.
އަދި ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓުންކުރާ މަސައްކަތްތަކާއި އެމަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބުނެދިނުމާއި ޓްރެފިކް ނިޝާންތަކަކީ ކޮބައިކަމާއި ޓްރެފިކަށް އަހުލުވެރިވުމަށް ކުރެވިދާނެ ކަންތައްތައް ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް ބުނެދީފައިވެއެވެ.
މީގެ އިތުރުން މެރިން ޕޮލިސް ގައި ގެންގުޅޭ ލޯންޗަށް ދަރިވަރުން އަރުވައި މެރިން ޕޮލިސް އާއި ގުޅޭ މަޢުލޫމާތާއި ދަތުރެއް ކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބުނެދީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ.
މި ޒިޔާރަތުގައި ލިޓިލް ޖެމްސް ޕްރީ ސްކޫލްގެ ހުރިހާ ގްރޭޑަކުން 300 ދަރިވަރުންނާއި އެ ސްކޫލްގެ މުދައްރިސުން ބައިވެރިވެފައިވެއެވެ.