ނިމިގެންދިއަ ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ ކޯލިޝަނުގެ ޕާޓީތައް އެކުގައި މަޝްވްރާކޮށްގެން ކަމަށާއި މެނިފެސްޓޯ އެކުލަވާލާފައިވަނީ ޕާޓީތައް ގުޅިގެން އެކުގައި ކުރިއަށް ދާން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓަގައި މިފަހަރު މަޖިލީހަށް ކުރިމަތިލައްވާފައިވާ ޢައިޝަތު ނާޒިމާގެ ކެންޕޭނު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ މިއީ ކޯލިޝަނަކުން މަސައްކަތްކޮށްގެން ވެރިކަމަށް ގެނެސްފައިވާ ސަރުކާރަކަށްވާއިރު ކޯލިޝަނުގެ ވަކިޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ އޮންނަން ނުޖެހޭ ކަމަށެވެ. ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ނިމުނީ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހި ޤައުމުގެ މިނިވަންކަމާއި ދިވެހިންގެ ސަގާފަތާއި ދިވެހިންގެ ދީން ކަމުގައި އިސްލާމް ދީނާއި މުޖުތަމައުގެ ހަމަހަމަކަމާއިމެދު ވިސްނައިލަން ޖެހިފައިވާ ކަމަށެވެ. އަދި ޑިމޮކްރެޓިކް ހަމަތައް ދިފާއުކޮށް ނެގެހެއްޓޭނީ ވަކި ފަރާތަކަށް ބުރަވިއަ ނުދީ ހަމަހަމަކަން ހިފަހައްޓައިގެން ކަމަށާއި އެއް ފަރާތަކަށް ބުރަވެއްޖެނަމަ ކަންކަން ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ބުނަމު އެބްޒޮލިޔުޓް ޕަވަރ އިޒް އެބްޒޮލިޔުޓް ކޮރަޕްޓް ކަމަށް. އެއްބައެއްގެ އަތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރާ ސަރުކާރު ހިންގުމުގެ ބާރު އޮތުމުން ކަންކަން ވާގޮތް އަޅުގަނޑުމެންނަށް އަބަދުވެސް މިދަނީ ފެންނަމުން. ޒިންމާދާރެއް ނުކުރެވުނު. ވީމާ އަޅުގަނޑުމެންގެ ކޯލިޝަނަށް މެޖޯރިޓީ ލިބެން ޖެހެނީ."
ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްތިޤްލާލް ހިމާޔަތްކުރުމަށާއި އިސްލާމް ދީނުގައި ސާބިތުވެ ތިބުމަށް އަދި އެއްވެސް ބައަކަށް އަޅުވެތި ނުވެ ތިބުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމީ ވަކި ޕާޓީއަކަށް ނޫން ކަމަށާއި ކޯލިޝަނަށް ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ކާބަފައިންގެ މިންނަތް މަސައްކަތުން އަޅުގަނޑުމެންނާއި ހަމައަށް ވާރުތަކޮށްދީފައިވާ މިނިވަންކަމާއި އިސްތިޤްލާލް އެއަށްވުރެ ފުރިހަމަ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން އެންމެ ބައިބޯ މާލެ ސިޓީ އާއި ރާއްޖޭގެ އުތުރާއި ދެކުނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް މިކަންކަމަށް ވަރަށް ފުންކޮށް ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.