ވާނުވާ ޖަހާފައި ޖަލުތަކުގައި ތިބި އެންމެންގެ މައްސަލަތައް ބަލާނެ ކޮމިޝަނެއް އުފައްދަން ޤާސިމް އިބްރާހީމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ވާނުވާ ޖަހާފައި ޖަލުތަކުގައި ތިބި އެންމެންގެ މައްސަލަތައް ބަލާނެ ކޮމިޝަނެއް އުފައްދަން ޤާސިމް އިބްރާހީމް ގޮވާލައްވައިފި

"ވާނުވާ" ޖަހައި ޖަލުތަކުގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ޙުކުމް ކުރުމުން އަހަރު ދެއަހަރު ވަންދެން ޖަލުތަކުގައި މީހުން ބަންގައި އެބަ ބައިތިއްބާ ކަމަށާއި މި ފަދައިން ހުރި މައްސަލަތައް ބެލުމަށް ކޮމިޝަނެއް އުފެއްދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޢަބަދުﷲ ރިޔާޟް، މާލެ ސިޓީގައި ދިރިއުޅޭ ތިމަރަފުށީ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ މިފަދަ މައްސަލަތަކާއި މީހުންނަށް ލިބެން ޖެހޭ ޙައްޤުތައް ނުލިބި އަހަރުތައް ފާއިތުވަމުންދާ މައްސަލަތަކާއި ކޯޓުތަކުގައި މައްސަލަތައް ދިގުލައިދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިކަން ބެލުން ފަދަ ކަންކަމަށް ކޮމިޝަނެއް އުފެއްދުމަށް ގޮވާލައްވާ ކަމަށެވެ. 

އެއާއިއެކު ޤާސިމް އިބްރާހީމް ވަނީ އުފައްދާ ކޮމިޝަންތައް ހިންގަން ޖެހޭނީ ރާއްޖޭގެ ޤާނުނު އަސާސީގެ ތެރެއިންކަންވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން މީގެ ކުރީގެ ސަރުކާރުތަކުގައިވެސް އެކިއެކި ކަންކަން ބެލުމަށް ކޮމިޝަންތައް އުފެއްދި ކަމަށާއި އެކޮމިޝަންތަކުން ކަންކަން ބަލާފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ ބާރުތައް ކަނޑުވާލައިގެން ނޫން ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. 

"ޝަރިޢަތް ނިންމާފަ ކުށް ސާބިތުވެ ޙުކުމްކޮށްފިނަމަ ޖަލުގައި ބަންދުކުރަންވީ. އެއީ އެއްވެސް މައްސަލައެއް ނޫން. އިހަށް ދުވަހަކު ނޫންތޯ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުންނާއި ޢާއިލާގެ ބޭފުޅުން އެގޮތަށް ވާނުވާ ޖަހާފައި އެތައް މަސްތަކެއް ވަންދެން ޖަލުގައި ބެއިތިއްބީ.! ނިމިގެންދިއައިރު ތުހުމަތު ކުރި އެއްވެސް ކުށެއް ސާބިތުނުވެ ނޫންތޯ ނިމިގެންދިއައީ!"

ޤާސިމް އިބްރާހީމް ވިދާޅުވީ ޤާނޫނުން ބާރު ދީގެން އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވައިލުމަކީ ޤާނޫނުގެ ބާރު ކަނޑުވައިލުން ކަމަށާއި އެކަން ކުރަންވާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ފުލުހުންނާއި އޭސީސީ އާއި އެޗްއާރުސީއެމް އާއި މި ނޫންވެސް ދައުލަތުގެ މުއައްސަސާތަކަކީ ވަކި ޚާއްޞަ މަސައްކަތްތަކެއް ކުރަން ޤާނޫނުން ބާރުދީފައިވާ މުއައްސަސާތަކެއް ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ބާރެއް ލިބިވަޑައިގެންފިނަމަ ދޫނިދޫގަ ހުރި ކޮންކްރީޓް ގޮޅިތައް 7 ދުވަސް ތެރޭގަ ތަޅުއްވައި ލައްވާނެ ކަމަށެވެ. ދުޝްމިނު މީހާވެސް އެގޮޅިތަކުގަ ބާއްވަން އަޅުގަނޑު ބޭނުމެއް ނޫން. އެއީ އެއްވެސް އިންސާނަކު ބަންދުކޮށްފަ ބަހައްޓަން ހެޔޮވާނެ ގޮޅިތަކެއް ނޫން." 

ޤާސިމް އިބްރާހީމް ވިދާޅުވީ ކުށްވެރިން ހައްޔަރުކުރަން ޖެހޭނެ ކަމަށާއި ނަމަވެސް މީހުން ބަންދުގައި ބައިތިއްބަން ޖެހޭނީ އެމީހުން ބެލެހެއްޓޭ ނަމަ ކަމަށެވެ. އަދި ޖަލުތަކުގައި މިހާރު ހުރި ގޮޅިތަކުގައި މީހުން ބައިތިއްބާފައި ތިބެނީ ވަރަށް ނިކަމެތި ޙާލުގައި ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީ އަނިޔާވެރިކަމާއި އަދުލު އިންޞާފު ޤާއިމުކުރާނެ ކަމުގެ ތޮފި އަޅައިގެން ކަމަށާއި އެހެންކަމުން އެކަންކަމުގައި ރައްޔިތުންނަށް ވައުދުވީ ފަދައިން އަމަލުކުރަން ޖެހޭނެ ކަމަށްވެސް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

 

 

 

މިއަދު އޮންލައިން