މަޖިލީހުގައި މެންބަރުން ވޯޓުދޭން ޖެހޭނެގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު މަޖިލީހުން ފާސްކުރާ ކަންކަން ފާސްކުރުމުގައި 3 ލައިން ވިޕް ނެރުމަކީ ޙަޤީޤަތުގައި އެއްވެސް ޕާޓީއަކަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޢަބްދުﷲ ރިޔާޟް، މާލެ ސިޓީގައި ދިރިއުޅޭ އެދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވީ ޢަބްދުﷲ ރިޔާޟް އަކީ މަޖިލީހުގައި ޤައުމާއި ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އަމިއްލަ ވިސްނުންފުޅު އިސްކުރައްވައިގެން މަސައްކަތް ކުރައްވާ މެންބަރެއްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ފާސްކުރި ބައެއް ބިލުތައް ފާސްކުރިއިރު ޚުދު އެމަނިކުފާނު ވޯޓު ދެއްވި ގޮތާއި ދެކޮޅަށް ވެސް ޢަބްދުﷲ ރިޔާޟް އާއި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވޯޓު ނުދެއްވާ ކަމަށެވެ. އަދި އެކަމުން އެނގިގެންދަނީ އެ ދެ މެންބަރުނ މަޖިލީހުގައި މަސައްކަތް ކުރެއްވުމުގައި އަމިއްލަ ވިސްނުންފުޅު އިސްކުރައްވައިގެން މަސައްކަތް ކުރެއްވިކަން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޢަބްދުﷲ ރިޔާޟަކީ އަބަދުވެސް ޤައުމަށް އިޚްލާޞްތެރި ރައްޔިތުންނަށް ވަފާތެރި ބޭފުޅެއް ކަމަށެވެ. ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ކަމުގެ މަޤާމު ފުރުއްވާފައި ވަނީވެސް އެގޮތުގައި ކަމަށެވެ. އަދި މަޖިލީހުގައި މަސައްކަތް ކުރައްވަނީވެސް ހަމަ އެގޮތުގައި ކަމަށެވެ. މީގެ އިތުރުން ޢަބްދުﷲ ރިޔާޟަކީ ޚިދުމަތްކުރައްވާ ދާއިރާއެއްގެ ރައްޔިތުންނާއި ވަރަށް ގާތުން ގުޅުން ބާއްވަވާ އަދި ދާއިރާގެ ތަރައްޤީއަށްޓަކައި އަބަދުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ މެންބަރެއް ކަމަށެވެ.