ހޮޓާތަކަށް ވަނުމުގެ އިތުރުން އަންހެންނަށް މަސްވެރިކަން ވެސް ކުރެވިދާނެކަން ބީއެމްއެލްގެ އަންހެން މުވައްޒަފުން ސާބިތު ކޮށްދީފި!

ކިޔުމަށް ހޭދަވާނީ 2މ 12ސ
ހޮޓާތަކަށް ވަނުމުގެ އިތުރުން އަންހެންނަށް މަސްވެރިކަން ވެސް ކުރެވިދާނެކަން ބީއެމްއެލްގެ އަންހެން މުވައްޒަފުން ސާބިތު ކޮށްދީފި!

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ދިވެހި މަސްވެރިން" ޖަމިއްޔާ އާ ގުޅިގެން  އަންހެންނުންނަށް މަސްވެރިކަން ދަސްކޮށްދިނުމަށާއި މަސްވެރިކަމުގެ ތަޖުރިބާ އަންހެނުންނަށް ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް އިއްޔެ ހަވީރު ބާއްވައިފިއެވެ.

 

މި ހަރަކާތުގައި ބީއެމްއެލްގެ އަންހެން މުވައްޒަފުންނާއި ގެމަނަފުށީ ބައެއް އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 30 މީހުން ބައިވެރިވެެފައިވެއެވެ.

 

ބީއެމްއެލް އިން ބުނިގޮތުގައި މި ހަރަކާތުގެ ސަބަބުން އަންހެނުންގެ މެދުގައި މަސްވެރިކަމުގެ ރޫޙު އާލާވެ، ދިވެހި އަންހެނުނަކީ ކޮންމެ ކަމަކަށްވެސް ކެރިގެން ކުރިމަތިލާ ފިސާރި ކަނބަލުންތަކެއްކަން ދައްކުވައިދީ، ޒަމާނުއްސުރެ ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމަށް ޝައުގުވެރިކަން އިތުރުވެގެންދާނެއެވެ.

 

 

އިއްޔެ ފެށުނު މިހަރަކާތުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ފީނުމާއި، އެންދެމުމުގެ ހަރަކާތެވެ. އެންދެމުމަށްފަހު މަސް ބޭނުމަށްޓަކައި މިއަދު ފަތިހު ދަތުރު ފަށައި، ކަނޑަށް ނިކުމެ ގާތްގަނޑަކަށް ދެ ގަޑިއިރުތެރޭ ވަނީ 300 ކިލޯގެ މަސް އެއަންހެންވެރިން ބާނާފައިވެއެވެ. ބޭންކުން ބުނިގޮތުގައި މަސްބާނައިގެން އެނބުރި ރަށަށް އައުމަށްފަހު، މަސް ކެނޑުމާއި އެމަހުން ރިހާކުރު ކެއްކުމަށް ވަނީ ހަމަޖެހިފައެވެ.

 

"މަސްވެރިކަން ކުރާ ގޮތް މި ފަދަ ހަރަކާތެއް މެދުވެރިކޮށް އަންހެނުން ދައްކުވައިދީ އެކަނބަލުންނަށް މިފަދަ ފުރުސަތެއް ހޯދައިދެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.  މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ދިވެހި އަންހެނުން ހުރި ޝައުގެވެރިކަމާއި، މިފަދަ ކަންކަމަށް ލިބޭ ތަރުހީބު ފާހަގަ ކުރެވޭ. މިފަދަ ހާއްސަ ހަރަކާތެއް ރޭވުމުގައި ބައިވެރި 'ދިވެހި މަސްވެރިން' ޖަމިއްޔާ އަށާއި ބޭންކުގެ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރަން." އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުންް ބާއްވާ  މަސްވެރިކަމުގެ ހާއްސަ ހަރަކާތާ ގުޅޭ ގޮތުން ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

 

އަންހެނުންގެ ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މީގެ ތެރޭގައި އަންހެން މުވައްޒަފުންނަށް ހިލޭ ޕެޑް ލިބޭނެ ގޮތް ހަމަޖެއްސުމާއި އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތްކުރާ ހާއްސަ ދެ ޖަމިއްޔާއަކަށް ފައިސާގެ އެހިތެރިކަންވަނީ ފޯރުކޮށްދީފައެވެ. މި ގޮތުން 'ފެމިލީ ލީގަލް ކްލިނިކް' އާއި 'ވިމެން އިން ޓެކް' އަށް ކޮންމެ ޖަމިއްޔާއަކަށް 46،000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

މިއަދު އޮންލައިން